ޕްރައިވެޓް ސެކްޓަރާއި ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކާ އަޅައިބަލާ އިރު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުސާރަތައް ކުޑަކަމުން މުވައްޒަފުން ހިފެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އެ އޮތޯރިޓީން ރައްޔިތުންގެ މަޖިލީހުގައި ބުނެފި އެވެ.
މީރާއިން ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވި އަހަރުތަކުގައި އެ އޮތޯރިޓީގެ ވަޒީފާއިން ވަކިވާ މުވައްޒަފުންގެ އަދަދު ހުރީ 17 އިންސައްތައިގަ އެވެ. ނަމަވެސް، މި އަހަަރު މި އަަދަދު ވަނީ 21 އިންސައްތަ އަށް އުފުލިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު، ވިދާޅުވީ މީރާއަކީ މަސައްކަތުގެ ވަގުތު ގިނަ، އަދި އެހެން މަސައްކަތެއް ކުރުން ވަރަށް ހަރުކަށިކޮށް މަނާ އިދާރާއެއް ކަމަށެވެ. މިހެން ނަމަވެސް، މީރާ ފަށައިގަތް އިރު، މުސާރަތައް ރަނގަޅު ވުމުން މުވައްޒަފުންގެ މައްސަލައެއް ދިމާ ނުވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
މި މައްސަލަ އައީ ވޭތުވި 15 އަހަރުގެ ތެރޭގައި މީރާއަށް ރަނގަޅު ބަދަލުތަކެއް އައިސްފައި ނުވާތީ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި، މި ސަބަބުތަކާ ހުރެ، މީރާއަކީ މިހާރު ވަޒީފާއަށް ދާން "އެޓްރެކްޓިވް" ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މުވައްޒަފުން ވަޒީފާގައި ބޭތިއްބުމާއި އާ މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާ ހުރެ މީރާއަށް ހުއްދަ ލިބިފައިވާ އަދަދަށް ވެސް އެ އިދާރާގައި މުވައްޒަފުން ނޫޅެ އެވެ. ޒަރީރު ވިދާޅުވީ، އެ އިދާރާގެ އޮނިގަނޑުގައި އޮތް 370 މަގާމުގެ ތެރެއިން 337 މަގާމަކަށް އެޕްރޫވަލް ލިބިފައި އޮތަސް، ތިބެނީ 290 މުވައްޒަފުން ކަމަށެވެ.
އެކަށީގެންވާ އަދަދަށް މުވައްޒަފުން ނުލިބޭތީ، ރަށްރަށުގައި ހުރި މީރާގެ އޮފީސްތައް ހިންގަން ދަތިވެ، ބަންދު ކުރާ ހިސާބަށް ދަތިވެފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
މީރާއަށް މުވައްޒަފުން ހިފެހެއްޓުމުގައި އިތުރަށް ދަތިވަނީ، ޒަރީރު ވިދާޅުވި ގޮތުގައި، މީރާގެ މުވައްޒަފުންނަށް އޮންނަ ޑިމާންޑު، ވަކިން ހާއްސަކޮށް ޕްރައިވެޓު ސެކްޓަރުގެ ޑިމާންޑު ބޮޑު ވުމެވެ. ސަބަބަކީ މީރާގެ މުވައްޒަފުންނަށް މުވައްޒަފުންނަކީ ވަރަށް ރަނގަޅަށް ތަމްރީނުކޮށްފައިވާ އަދި މަސައްކަތުގެ ކޮލިޓީއާ މެދު އިތުބާރު އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޑިމާންޑު އޮތް ވަރު ކޮމިޓީގައި ތިބި މެންބަރުންނަށް ސިފަކޮށްދޭން ޒަރީރު ބޭނުންކުރެއްވީ މިއަދު ފެށި ޓެކްސް ކޮންފަރެންސްގައި ތިބި ބައިވެރިންނެވެ. އޭނާ ވިދާޅުވީ، އެ މުޅި މަހާސިންތާގައި ބައިވެރިންގެ ގޮތުގައި، މީރާގެ މިހާރުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ކަމަށެވެ.
މުސާރައިގެ މައްސަލައިގެ އިތުރުން މަސައްކަތު މާހައުލުގައި ހުރި ދަތިތަކުގެ ސަބަބުން ވެސް މީރާގައި މަސައްކަތް ކުރަން މީހުން ބޭނުންނުވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި، ބައެއް ތަންތަނުގައި 50 މުވައްޒަފުން އެއް ފާހަނާ ބޭނުން ކުރަން ޖެހޭ އިރު، މީރާއިން މަސައްކަތް ކުރަމުން ދަނީ ވަރަށް ކުދި، ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސް ކޮމިޝަނަރު ވަނީ، މިހެން ކަންކަން ކުރިއަށްދާނަމަ، މީރާގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް، ކޮމިޓީގައި އިލްތިމާސްކުރައްވާފަ އެވެ. އޭނާ ވަނީ މިކަން ހައްލުކުރުމުގެ ގޮތުން ޕްރައިވެޓު ސެކްޓަރާ އެއްވަރުގެ މުސާރަތަކެއް ނުދެވުނަސް، ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނާ އެއްވަރުގެ މުސާރައެއް މީރާގެ މުވައްޒަފުންނަށް ލިބޭނެ ގޮތް ފަހިކޮށްދޭން އެދިވަޑައިގެންފަ އެވެ.
ހެލްތު އެކްސްޕޯގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ
މާޒީ ދޫކޮށްލައި ކުރިއަށް ވިސްނާ!
ކަރީނާ "ކަހޯނާ ޕްޔާރުހޭ" ދޫކޮށްލީ ކީއްވެ؟