ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިޑު ކުރުމެއް ނެތި 206 މަޝްރޫއު ބަހާލައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އިދިކޮޅު އެމްޑީޕީން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަރިހުން އެދިއްޖެ އެވެ.

އެ ޕާޓީން މިއަދު އައްބާސަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ މަޝްރޫއުތަކުގައި ސޮއިކުރުމުގައި އެއްވެސް ހާމަކަމެއް އަދި ހަމަހަމަކަމެއް ނެތް ކަމަށެވެ.

އެމްޑީޕީން ބުނީ 2.7 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުތައް ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ބަހާލުމަށް މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނާ ހިލާފު އިސްލާހެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ މުޅި ޕްރޮކިއުމަންޓުގެ ނިޒާމު ގަޑުބަޑުވެ، ރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިގެންހިނގައިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ މައްސަލާގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ސަބަބުތަކުގެ ތެރޭގައި ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައް ދުރާލައި އިއުލާނުކޮށްފައި ނުވުމާއި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުގެ ކުންފުނިތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ފުރުސަތު ދީފައި ނުވުން ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެއިތުރުން ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ނުހިމެނޭ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމާއި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ފަންނީ ގާބިލުކަމާއި ތަޖުރިބާއަށް ބަލާފައި ނެތުމާއި އެއް ބާވަތެއްގެ އަދި އެއް ބޮޑުމިނެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދިނުމަކީ ވެސް އެކަމުގައި ކޮރަޕްޝަން އެކުލެވޭ ސަބަބެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެ މަޝްރޫއުތައް ދިން ކުންފުނިތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަނބިކަނބަލުން ދިޔާނާ ހުސައިނާއި ދަރިކަނބަލެއްގެ ކުންފުނި ވެސް ހިމެނެ އެވެ. މީގެއިތުރުން މަޖިލީހުގެ ބައެއް މެންބަރުންގެ ކުންފުނުތަކަށް ވެސް މަޝްރޫއުތައް ހަވާލުކޮށްފައިވެ އެވެ.