އީރާނުގެ އަސްކަރިއްޔާ އަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ހިޖާޒީ މަރުވެއްޖެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
އޭނާ މަރުވީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ހޯމަ ދުވަހު ކަމަށާއި އެއީ އެގައުމަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައިވެ އެވެ.
ހިޖާޒީ ވަނީ ސައޫދީ އަރަބިއާ އާއި ޔޫއޭއީ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެކޮޅަށް އީރާނުން ހިންގި ބައިނަލްއަގުވާމީ ޕްރޮޖެކްޓްތަކުގައި އިސް ދައުރެއް އަދާ ކޮށްފަ އެވެ.
ހިޖާޒީގެ މަރާއެކު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން އަސްކަރިއްޔާއިން އޭނާގެ މަރުގެ ޚަބަރު ގެނެސްދިން ގޮތް ތަފާތުކަން ވަނީ ފާހަގަ ކުރެވިފަ އެވެ. ބަޔާނުގައި ހިޖާޒީގެ މަރުގެ ސަބަބެއްގެ ގޮތުގައި ހިތުގެ ބަލި ލިޔެފައިވާއިރު ހަމަ އެދުވަހުގެ ފަސް ވަގުތެއްގައި އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ހިޖާޒީއަކީ ޝަހީދެއް ކަމަށެވެ. ހިޖާޒީގެ ހިތުގެ ބަލީގެ ވާހަކަ އޭނާ ގެންނަވާފައެއް ނުވެ އެވެ.
ހިޖާޒީގެ މަރު އިއުލާން ކުރުމާއެކު އީރާނާއި އިރާގާ ދެމެދު ކުރެވުނު ހަނގުރާމައިގައި ޝަހީދުވި އިސް ކޮމާންޑަރެއްގެ އާއިލާ މެމްބަރަކު ވަނީ ހިޖާޒީ މަރުވީ ހިތުގެ ބައްޔެއްގައި ނޫން ކަމަށާއި އަސްކަރިއްޔާއިން ހެދީ ދޮގު ކަމަށް ބުނެ ޓްވީޓް ކޮށްފަ އެވެ.