ސެޕްޓެމްބަރު 13، 1944 ގައި ނާޒީ ސިފައިން، މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގެންގޮސްފައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. އުމުރުން އެންމެ 30 އަހަރުގެ އެ ޒުވާން އަންހެން ކުއަޖާ އަށް މަރުގެ އަދަބުން ސަލާމަތްވެ، މިނިވަންވުމުގެ ފުރުސަތު ޖަރުމަނުން ދިނެވެ. އެ މީހުން ބޭނުންވާ މައުލޫމާތު ހާމަކުރުމުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދިނެވެ. އެހެން ނަމަވެސް އަދާވާތްތެރިންގެ ކުރިމަތީގައި ބޯ ގުދުކޮށް، އެމީހުން އެދުނު އެއްވެސް މައުލޫމާތެއް ދިނުމަށް ދެކޮޅު ހެދުމުގެ ސަބަބުން ބޮލުގައި ބަޑި ޖައްސައި ގޮއްވާލި ވަގުތު އެ ހިތްވަރުގަދަ ޒުވާނާގެ އަނގައިން ބޭރުކޮށްލީ އެންމެ ބަހެކެވެ. "މިނިވަންކަން" މި ބަހެވެ.

ނާޒީންގެ ބަޑީގެ އުންޑައިން މަރުގެ ހުކުމް ތަންފީޒުކުރިއިރު ސާބިތުކަމާއެކު މިނިވަންކަން ނޫން ކަމަކަށް ނޭދުނު ޒުވާނާއަކީ ރަޝިޔާއަށް އުފަން ފަރަންސޭސި ވިލާތާއި އިނގިރޭސި ވިލާތުގައި ދިރިއުޅުނު އިންޑިއާގެ ބައްޕައަކާއި އެމެރިކާ މަންމައެއްގެ ދަރިއެއް ކަމަށްވާ ނޫރު އިނާޔަތު ޚާން އެވެ. އާއިލީ ގޮތުން އެއީ ޕްރިންސެސްއެކެވެ. ނަސްލީ ގޮތުން އިންޑިއަންއެކެވެ. ދީނީ ގޮތުން މުސްލިމެކެވެ. ހިމާޔަތް ކުރީ އޭނާގެ ގައުމުކަމުގައިވާ އިނގިރޭސި މަސްލަހަތެވެ.

ނޫރު އިނާޔަތު ޚާންގެ ބޮލަށް، ބަޑި ޖަހައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ 145 އަހަރު ކުރިން އިނގިރޭސި ސިފައިންގެ ފައުޖުތައް ވަށާލައިފައި އޮތީ އިންޑިއާގެ އެންމެ ފަހުގެ މުސްލިމް ބާރު ކަމަށްވާ މައިސޫރުގައި އޮތް ވެރިކަމުގެ ކިއްލާ އެވެ. އޭރު މައިސޫރުގެ ރަސްކަން ފިޔަވައި އިންޑިޔާގެ ހުރިހާ ބާރެއްހެން އިނގިރޭސިންގެ އަތްދަށުވެ ނިމިއްޖެ އެވެ. އެއްބަޔަކު ބަލިވީ ހަނގުރާމަކޮށްގެނެވެ. ގިނަ ބަޔަކު އަމާން ދިނީ އެވެ. ޓިއްޕޫ ސުލްތާނަށް ވެސް އިނގިރޭސިން އެންގީ އަމާންދީ އިނގިރޭސިންގެ ވެރިކަމަށް ބޯ ލެނބުމަށެވެ. އޭރުން ހިމާޔަތާ ރައްކާތެރިކަން ލިބޭނެކަމަށް ވެސް އެންގި އެވެ. ޓިއްޕޫ ސުލްތާން، އެ އެންގުމަކަށް ބޯ ގުދެއް ނުކުރެއްވި އެވެ.

އިނގިރޭސިންނާ ދެކޮޅަށް ލަޝްކަރު ރުކުރުވާ ލެއްވި އެވެ. އެކަމަކު އިނގިރޭސިންގެ އޭރުގެ އެންމެ މޮޅު އުކުޅު ކަމަށްވާ ރިޝްވަތުގެ ހަތިޔާރު ބޭނުންކޮށް ޓިއްޕޫ ސުލްތާނުގެ އެންމެ އިސް ކޮމާންޑަރުން ގަނެލި އެވެ. ސުލްތާނަށް އެކަން އެނގިވަޑައިގެން މައިދާނަށް މިސްރާބު ޖެއްސެވި ވަގުތު އަރިސް ކޮމާންޑަރުން އެކަން ނުކުރެއްވުމަށް ލަފާ އެރުވި އެވެ. ރައްކާތެރިކަމާއެކު ފިއްލަވައިގެން ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޓިއްޕޫ ސުލްތާނުގެ ބަސްފުޅަކަށްވީ، ކަންބަޅިއެއްގެ ގޮތުގައި 1000 ދުވަހު ދިރިހުރުމަށް ވުރެ ސިންގާއެއްގެ ގޮތުގައި އެއް ދުވަހު ދިރިހުރުން ވެސް މާމޮޅު ކަމަށް ވިދާޅުވި މަޝްހޫރު ބަސްފުޅެވެ. ވަރަށް ބޮޑަށް އާލާސްކަންފުޅާ ހުންނަވައިގެން ވެސް ދުޝްމަނުންނާ ހަނގުރާމަ ކުރައްވައި ޝަހީދުވެ ވަޑައިގެންނެވީ ފަސްޖެހި ވަޑައިގެންނެވުމެއް ނެތި އެވެ. ހަނގުރާމަ ނިމި ރަސްގެފާނުގެ ހަށިކޮޅު ފެނުނުއިރު އަތްޕުޅުގައި ކަނޑި އޮތެވެ. އިނގިރޭސިން ރަސްގެފާނަށް އެންމެ މަތީ އިއްޒަތް އެރުވި އެވެ.

އޭގެ 145 އަހަރު ފަހުން އިނގިރޭސިންގެ ހިމާޔަތުގައި ފުރާނަ ގުރުބާންކޮށްލި ހިތްވަރުގަދަ ޒުވާން އަންހެން ކުއްޖާ ނޫރު އިނާޔަތު ޚާނަކީ ޓިއްޕޫ ސުލްތާންގެ މުސްކުޅި ކާފަ ދަރިއެކެވެ. އޭނާގެ ބައްޕަ، ވިލާޔަތު އަލީ ޚާނަކީ އެ ދުވަސްވަރު މުސްލިމުންގެ ތެރޭގައި މަގުބޫލު ވަމުންދިޔަ ސޫފީ މަޒުހަބު، ދުނިޔޭގެ އެތަން މިތާނގައި ފެތުރުއްވުމަށް މަސައްކަތް ކުރި ސޫފީ އިލްމުވެރި މިއުޒީޝަނެކެވެ. އެފަދަ ދަތުރެއްގައި އެމެރިކާގައި ހިންގި މިއުޒިކް ހަރަކާތްތަކެއްގެ ތެރެއިން ނޫރުގެ މަންމައާ ދިމާވި އެވެ.

އެ ދެމީހުން ކައިވެނިކޮށް ނޫރު އުފަންވީ ރަޝިޔާގަ އެވެ. ނޫރުގެ އާއިލާ އިނގިރޭސި ވިލާތުގައި ވަޒަންވެރިވެ، ދިރިއުޅެމުން ގެންދިޔަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފަރަންސޭސި ވިލާތުގެ ޕެރިހުގެ ކައިރީގައި ހުރި ގެއަކަށް ދިރިއުޅުން ބަދަލު ކުރި އެވެ. މިޔުޒިކުގެ އިތުރުން ނޫރު ކުރި މަސައްކަތަކީ ކުޑަކުދިންގެ ވާހަކަ ލިއުމެވެ. މަގުބޫލު ވާހަކަ ލިއުންތެރިއެއްގެ ގޮތުގައި ނޫރު މަޝްހޫރުވަމުން ދިޔަ ދުވަސްވަރު ޖަރުމަނުން ފަރަންސޭސި ވިލާތް ހިފި އެވެ. ގައުމު އަނބުރާ އަތުލައި ޖަރުމަން ބަލި ކުރުމަށް އިނގިރޭސިން ކުރަމުން ދިޔަ ހަނގުރާމައަށް އެހީތެރިވުމަށްޓަކައި ވިންސްޓަން ޗާޗިލް އެކުލަވާލި ވަޔަލެސް ޓެލެފޯން އޮޕަރޭޓަރުންގެ ތެރޭގައި ނޫރު ހިމެނުނެވެ. އެ ދުވަސްވަރުގެ ހާލަށް ބަލާއިރު އެއީ ވަރަށް ނުރައްކާތެރި ވަޒީފާއެކެވެ. އެ ވަޒީފާގައި އުޅޭ ކުދިންގެ އުމުރު އަންދާޒާ ކުރެވެނީ ދެތިން މަސް ދުވަހަށެވެ.

ޖަރުމަނުގެ ހަގުރާމަވެރިން ނޫރު ހިފެހެއްޓުމަށް ފަހު އޭނާ ކުރަމުން ގެންދިޔަ މަސައްކަތާ ބެހޭ މައުލޫމާތު ދޭން އެދުނެވެ. ބޭނުންވާ މައުލޫމާތު ހާމަކޮށްދިނުމުން ސަލާމަތާ ރައްކާތެރިކަމުގެ ޖާމިނުކަން ދިނެވެ. އެހެން ނަމަވެސް ނޫރު ނިންމީ، އޭނާގެ ގައުމަށް ޚިޔާނަތްތެރި ނުވުމަށެވެ.

ބޮލުގައި ބަޑި ޖައްސައި ގޮއްވާލުމުގެ ކުރިން ނޫރުގެ އަނގައިން ބޭރުކޮށްލި އެންމެ ފަހު ބަހަކީ "ލިބަރޭޓް" (މިނިވަންކަން) މި ބަހެވެ. އޭނާގެ މުސްކުޅި ކާފަ ޓިއްޕޫ ސުލްތާނެކޭ އެއްފަދައިން ނޫރު އިނާޔަތު ޚާން ވެސް ބޭނުންވީ ދުނިޔޭގައި ލާ ކޮންމެ ނޭވާއަކީ ވެސް އަމިއްލަ މިނިވަންކަމުގައި ލާ ނޭވާއަކަށް ހެދުމަށެވެ.