ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުން ދައުލަތުގެ މާލިއްޔާއަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުން ލިބޭނެ ކަމަށާއި އެކަން ކޮށްފިނަމަ، ރާއްޖޭގައި ޓެކްސީގެ ހިދުމަތް މިހާރު ދޭ މީހުންގެ އާއިލާތައް ބިކަވާނެ ކަމަށް ބުނެ، އެ މަސައްކަތް ހުއްޓާލުމަށް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންއަށް އެޑްރެސްކޮށް އެ އެސޯސިއޭޝަނުން ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ދެ ފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އެ ސިޓީގައި ބުނީ ސަރުކާތުން ޓެކްސީ ލައިން ފެށުމަށް ނިންމިއިރު، ޓެކްސީގެ ހިދުމަތް މިހާރު ދޭ ސެންޓަރުތަކާއި އެޕްތަކުގެ އިތުރުން ޓެކްސީ ކުރާ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ހިޔާލު އެއްވެސް މިންވަރަށް މިހައިތަނަށް ހޯދާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ދާއިރާއަށް އަމީން ދެއްވާ އަހަންމިއްޔަތުކަން ކުޑަކަން މިކަމުން ވެސް ވަރަށް ބޮޑަށް ދޭހަވެގެންދާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
"ޓެކްސީ ފްލީޓުގެ ސަބަބުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އެތައް ހާސް ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ސީދާގޮތުން އަސަރުކޮށް އަދި ދިވެހި މާލިއްޔާއަށް އިއާދަކުރަން ދަތި މާލީގޮތުން ބޮޑެތި، ގެއްލުންތަކެއް ލިބިދޭނެ މަޝްރޫއުއެއް ކަމަށް މި ޖަމިއްޔާއިން ދެކެން،" ޓެކްސީ އެސޯސިއޭޝަނުން ފޮނުވި ސިޓީގައިވެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފު ކުރުމަކީ މި ފަހަކަށް އައިސް ސަރުކާރުން ފަށަން މަސައްކަތް ކުރާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް ފެއިލްވާނެ މަޝްރޫއު ކަމަށް ޓެކްސީ އެސޯސިއޭޝަނުން ލަފާކޮށްފައިވެ އެވެ.
ސަބަބެއް ކަމަށް އެ އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ޓެކްސީ ލައިންއެއް ތައާރަފުކޮށްފި ނަމަ، ފުރަތަމަ އަހަރު ވެސް މުސާރަ އާއި މެއިންޓެނެންސްގެ މަސައްކަތްތަކަށް 150 އާއި 200 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށް އަންދާޒާ ކުރެވުމެވެ. އެވަރުގެ ބޮޑު ހަރަދެއް އެކަމަށް ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ކުޑަކުރަންޖެހިފައިވާ ދަނޑިވަޅެއްކަން އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނީ ދިވެހިރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމުގައި 3،000 އެއްހާ ޑްރައިވަރުން މި ވަގުތު ވެސް ހަރަކާތްތެރިވަމުންދާއިރު، ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީ އާއި މާކެޓް އެސެސްމެންޓްތަކެއް ވެސް ހަދާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތަށް އެކަން ކުރުމުން ދޭހަ ވަނީ ޓެކްސީ ޑްރައިވަރުންނާއި އެ މީހުންގެ އާއިލާތަކަށް ލިބިދާނެ އަނިޔާއަކަށް ސަރުކާރުން އެއްވެސް ވަރަކަށް ނުވިސްނާކަން ކަމަށް އެ ސިޓީގައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި ރާއްޖެއަށްވުރެ އިގުތިސާދީ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ސަރުކާރުގެ ޓެކްސީ ލައިނެއް އުފައްދައި ހިދުމަތް ދިނުމުގެ މަސައްކަތް ފެށި ނަމަވެސް، އެކަން ކުރިއަށް ގެންދެވިފައި ނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ކެންޔާ، މެކްސިކޯ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ސަރުކާރުތަކުން ޓެކްސީ ހިދުމަތް ދޭން ފެށުމަށްފަހު ހުއްޓާލަން ޖެހިފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.
އެ ކަންކަން އެހެން ހުރިި ނަމަވެސް، އެ ކަންކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައި ވާތީ ޑްރައިވަރުންގެ އެސޯސިއޭޝަނުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެ ހިދުމަތް ދޭން ފަށައި، ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތަތީ، އެކަން އެގޮތަށް ވުމުގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ޑްރައިވަރުންގެ އެސޯސިއޭޝަނުގެ ފަރާތުން އަމީންއަށް އިލްތިމާސް ކޮށްފައިވެ އެވެ.
ދަންވަރު ބަނޑުހައިވަނީ ކޮން ބައެއް؟
އީރާނުން މައުލޫމާތު ހިއްސާކުރަން މަޖުބޫރުކޮށް ގަރާރެއް ފާސްކޮށްފި
ޝާހްރުކް ޚާންއަކީ ކާކުތޯ އެހުމުން ވިވެކް ހޫނު ފެނަށް!