ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް މިއަދު ފާސްކޮށްފި އެވެ.

ބަޖެޓު ފާސްކުރީ 74 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ފިނޭންސުން ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. އަދި ހަރަދަކީ 57 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރު ހަރަދުތައް ފޫބައްދަން 14 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ.

ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ ބަޖެޓުގެ 39.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެ އެވެ. މީގެ ތެރޭގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު ބޮޑުކުރަން ނިންމި މުވައްޒަފުންގެ މުސާރަ ހިމެނޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

މި އަހަރެކޭ އެއްގޮތަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތަކެއް ނެތެވެ.

މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ އަދި އެ ނޫން ގޮތްގޮތަށް 8.7 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ހިލޭ އެހީއާ އެކު ލިބޭނެ ޖުމްލަ އާމްދަނީ 40.4 ބިލިއަން ރުފިޔާއަށް އަރާއިރު، ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެކަަމަށް ފަލާކޮށްފައި ވާއިރު، ބަޖެޓުގެ %62 ކަނޑައަޅާފައިވަނީ ރިކަރަންޓު ހަރަދަށެވެ. އެއީ 39.9 ބިލިއަން ރުފިޔާ އެވެ.