އެމްއެމްޕީއާރސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ނިންމައިފި އެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ފެބްރުއަރީ 17، 2019 ގަ އެވެ.

ޕީޖީން ބުނީ އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ނިންމީ އެ ދައުވާތައް މުރާޖައާ ކޮށްދިނުމށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޔާޔަތް ކުރުމަށްފަހު ކަމަށެވެ.

އާޒިމާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިކަން ވެސް ޕީޖީން ފާހަގަކުރި އެވެ.

ޝަރީއަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާ އެ މައްސަލައިގައި ހިމެނޭ އެ ދެ ދައުވާ ވެސް އަނބުރާ ގެންދަން ނިންމިކަން ހާމަކޮށް، ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

"އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ މި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައި،" ޕީޖީ އޮފީހުން ބުންޏެވެ.

އާޒިމާގެ މައްޗަށް ދައުވާކުރީ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އޭނާ ފޮނުވި ސިޓީއަށް ރިއާޔަތްކޮށެވެ. ދައުލަތުން އޭރު ބުނީ އެއީ ފައިސާ ލޯންޑަ ކުރަން މަގުފަހިކޮށްދިނީ ކަމުގަ އެވެ.

އާޒިމާއަކީ މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮތް މީހެކެވެ. އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު ބޭއްވި މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީއެންސީ ޓިކެޓުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތު ނުވެގެން އާޒިމާގެ މައްސަލަ އަނބުރާ ގެންދަން ޕީޖީން ނިންމި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކްރިކް ރިޒާގެ މައްޗަށް ކުރި ދައުވާތައް ވެސް ގެންދަން މިދިޔަ އަހަރު އޮގަސްޓުގައި ޕީޖީ އޮފީހުން ނިންމާފައިވެ އެވެ.

ރިޒާގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ.

މި މައްސަލައިގައި ޔާމީނަށް ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ޔާމީންގެ ދައުވާ ކުރިއަށް ގެންދިޔުމަށް ފަހު، ރިޝްވަތު ހުށަހެޅި ކަމަށް ތުހުމަތުވާ ރިޒާގެ މައްސަލަ ފައިލްކުރުމުން އޭރު އެ މަނިކުފާނުގެ ވަކީލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.