މާލޭގެ ދަފުތަރާ ހެދި ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހޮވިއްޖެ އެވެ. ދަފުތަރަކާ ހެދި މާލޭގެ ރަށްވެހިންނަށް ލިބެންވާ ފްލެޓުތަކުން އެ މީހުން މަހުރޫމް ވެއްޖެ އެވެ. ދަފުތަރާހެދި އަތޮޅު ތެރޭގެ ރަށްރަށުގެ ގިނަބަޔަކު ރަށުގެ ރަޖިސްޓްރީން ކެނޑިއްޖެ އެވެ. މިދެން ކޮން ދަފުތަރެއް ހެއްޔެވެ؟ ފޭސްބުކުގައި މީހަކު ލިޔުނެވެ. އުފަންވީ މާލޭގަ އެވެ. އުޅެ ބޮޑުވީ މާލޭގަ އެވެ. ވަޒީފާ އަދާކުރަނީ މާލޭގަ އެވެ. އެކަމަކު ވޯޓުލާން ޖެހެނީ އެހެން ރަށަކަށެވެ. އޭނާ ދަފުތަރެއްގައި ނުޖެހެ އެވެ. އެކަމުގެ ތަކުލީފު ވެސް ކުޑައެއް ނުވި އެވެ.
ހައުސިން މިނިސްޓަރު އަސްލަމް ދެކެވަދައިގަންނަވާ ގޮތުގައި މާލޭގެ ދަފުތަރަކީ އުވާލަން ޖެހޭ އެއްޗެކެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އުމުރުން ފަސް އަހަރުއްސުރެ މާލެގައި އުޅެ ބޮޑުވި ކަމުގައި ވިޔަސް ދަފުތަރުގައި ރަޖިސްޓްރީ ވުމަކި ކުރަންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ދެކެވަޑައެއް ނުގަންނަވަ އެވެ. ސިޔާސީ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ ދަފުތަރުގެ މައްސަލަ މި ގުޅެނީ އެންމެ ކަމަކާ އެވެ. އެއީ މާލެއިން ބޯހިޔަވަހިކަން ހޯދުމެވެ.
މާލެއަކީ ރާއްޖޭގެ ވެރިރަށެވެ. ވެރިރަށަށް ވުމުގެ އިތުރުން މާލެއަކީ ރާއްޖޭ އިގުތިސާދުގެ މައި މަރުކަޒު ވެސް މެ އެވެ. ސިއްހީ ޚިދުމަތާއި އެކަށީގެންވާ ތައުލީމާއި އެނޫނަސް ރާއްޖެއިން ލިބެން އޮތް ހުރިހާ ޚިދުމަތެއް ވެސް އެންމެ ފުރިހަމަ ގޮތުގައި ލިބެން އޮތް ތަނެވެ. އެހެން ކަމުން ރައްޖޭގެ އެކި ހިސާބުތަކުން މީހުން މާލެއަށް ހިޖުރަކުރުމަކީ ޒަމާނުއްސުރެ އޮންނަ ކަމެކެވެ. ރާއްޖެ ތަރައްގީވެ، އާންމު ހޭލުންތެރިކަން އިތުރުވީ ވަރަކަށް ރަނގަޅު ތައުލީމާއި ވަޒީފާއާއި އެކަށީގެންވާ ސިއްހީ ޚިދުމަތަށް ބޭނުންވާ މީހުން އައީ ގިނަ ވަމުންނެވެ. އެއާއެކު އެ ޚިދުމަތްތައް އެންމެ ރަނގަޅަށް ލިބެން އޮތް މާލެއަށް މީހުން ޖަމާވަމުން ދިޔައީ ނުހަނު ހަލުވި ކޮށެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ ބިންފުރި އިތުރަށް ގޯތި ދޭނެ ބިން ހުސްވެ، ބިންހިއްކުމުގެ ބޮޑު މަޝްރޫއެއްވެސް ހިންގަން ޖެހުނެވެ. އެހެންނަމަވެސް މާލެއަށް އޮތް ބިމުގެ ޑިމާންޑް ތިރިވާ ގޮތެއް ނުވި އެވެ. ވިލިނގިލި އާބާދުކޮށް ހުޅުމާލެ ތަރައްގީ ކޮށްގެން ވެސް މިކަމަށް އޮތް ހައްލެއް ނެތެވެ. އަސާސީ ޚިދުމަތް ހޯދުމަށް މާލެއަށް އައުން މަޖުބޫރު ވެފައި ވާތީ ފުރެމުންދިޔަ މާލޭގެ އާބާދީ އަކަށް ލުއިކަމެއް ނެތެވެ. މާލެއާއި ހުޅުމާލެއާއި ވިލިނގިލީގައި ގެދޮރަށް އޮތް ޑިމާންޑު ބޮޑުވެ ގެދޮރާއި ބިމަކީ ރަނަށް ވުރެ އަގުބޮޑު އެއްޗަކަށް ވަނީ ވެފަ އެވެ. އެހެންކަމުން މިއަދު މާލެއިން ނުވަތަ ހުޅުމާލެއިން އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހުވަފެނެކޭ ބުނެވިދާނެ އެވެ.
މާލެއާއި ހުޅުމާލޭގައި ސަރުކާރުން ހިނގާ ގެދޮރުގެ މަޝްރޫއު ތަކަށް ބެނުންވާ އެންމެ ކުޑަ ޝަރުތަކީ މާލޭގެ ރަށްވެއްސަކަށް ވުމެވެ. ރަށްވެއްސަކަށް ވުމަށްޓަކައި އޮތީ މާލޭގެ ދަފުތަރުގައި ޖެހުމެވެ. މާލެއާ މާލެ ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ މާލޭގެ ގެއެއްގައި ރަޖިސްޓަރީ ވެފައި ނެތް ކޮންމެ މީހަކަށް ވެސް އޮތީ މާލޭގެ ދަފުތަރެވެ. އެހެންކަމުން އެއްބަޔަކަށް ދަފުތަރު މިވަނީ ޒަރޫރީ އެއްޗަކަށް ވެފަ އެވެ.
ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެކެވަޑައިގަންނަވާގޮތުގައި މާލޭގެ ދަފުތަރަކީ އޮންނަން ވާނެ އެއްޗެކެވެ.
"އަޅުގަނޑު ދެކޭގޮތުގައި މާލޭގައި ރަށްވެހިވެގެން ދިރިއުޅެން ބޭނުންވާ މީހުންނަށް މީހުންގެ ތެރެއިން އެކަން ދައުލަތުގައި ނޯޓު ކުރެވިފައި އޮންނަން އެދޭ މީހުންނަށް އެކަން ނޯޓު ކުރެވޭނެ ނިޒާމެއް އޮންނަންވާނެ." މިހާރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ދެކެވަޑައިގަންނަވާގޮތުގައި އެފަދަ ރަޖިސްޓްރީ އެއް އޮންނަން ޖެހެނީ ހަމަ އެކަނި މާލެއަކުވެސް ނޫނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ބިންވެރިއެއް ނޫންމީހަކު އެރަށެއްގައި ދިރިއުޅެން ގަސްތު ކޮށް އެމީހަކު ބޭނުންނަމަ ނަން ނޯޓުކުރެވޭނެ ރަޖިސްޓްރި އެއް އޮންނަން ޖެހެ އެވެ.
ރާއްޖޭގައި އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުވުމާ މެދު މާކަ ހަރުދަނާ ގަވާއިދުތަކެއް ހެދިފައެއް ނެތެވެ. އެހެނަސް މާލެ ނޫން އެހެން ރަށެއްގެ މީހަކު މާލޭގައި ރަށްވެހިވުމާބެހޭ ހަރުކަށި ގަވާއިދުތަކެއް ހުރެ އެވެ. އެގޮތުން އެމީހަކު މެދު ނުކެނޑި އެތައް ދުވަހަކު މާލޭގައި އުޅުނުކަން ސާބިތުކޮށްދޭ ލިއެކިއުން ހުށަހަޅަން ޖެހެ އެވެ. ގިނަފަހަރަށް މިބާވަތުގެ ހެކި ހޯދުމަކީ ވެސް އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ. މާލެ ނޫން ރަށެއްގެ މީހަކު މާލެއަސް ރަށްވެހިކަން ބަދަލު ކުރުމަށް އޮންނަ އުސޫލަށް ވުރެ ފަސޭހައިން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ހިޖުރަކުރާ މީހުނަށް އެތަންތާގެ ރަށްވެހިކަން ހޯދުން ވެސް ފަސޭހަ އެވެ.
"ހުރިހާ" އާ ވާހަކަ ދެއްކެވި ކުރީގެ ހޯމް މިނިސްޓަރު އުމަރުވެސް ދެކެ ވަޑައިގަންނަވަނީ މާލޭގެ ރަށްވެއްސަކަށް ވުމަށް މިހާރު އޮންނަ އުސޫލު އަލުން ރިވިއު ކުރަން ޖެހިފައިވާ ކަމަށެވެ. އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި މާލެއަށް އުފަން މީހުނަށް މާލޭގެ ރަށްވެހިކަން ލިބެން ޖެހޭނެ އެވެ. އަދި މާލޭގައި އުޅޭތާ ދިހައަހަރު ވެފައިވާ މީހުނަށް ވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ވެސް އުމަރު ދެކެވަޑައިގަންނަވަ އެވެ.
ދަފުތަރާ ރަށްވެހިކަމާ ގުޅިފައިވާ ގެދޮރުގެ މައްސަލައިގެ އިތުރުން ދެން އޮތީ ލޯކަލް ކައުންސިލްގެ ވޯޓުލުމުގައި އެމީހަކު ވޯޓުލާން ޖެހޭ ދާއިރާ އެވެ. ފަނަރަ އަހަރު ވަންދެން ރަށަށް ނުގޮސް މާލެގައި ދިރި އުޅޭ މީހަކު އޭނަގެ ނަން ދަފުތަރުގައި ނެތުމުގެ ސަބަބުން އޭނާގެ ރަށަށް ވޯޓު ލާން ޖެހުމަކީ ވެސް ހަމަޖެހޭ ކަމެއްކަމުގައި ނުދެކޭ މީހުން އުޅެ އެވެ.
އުމަރު ވެސް ވިދާޅުވީ ލޯކަލް ކައުންސިލުގެ އިންތިޚާބުގައި ވޯޓު ދޭންޖެހޭނީ އެމީހަކު ދިރިއުޅޭ ދާއިރައެއްގެ ކައުންސިލް ހޮވުމަށެވެ. އެމީހަކު ރަޖިސްޓްރި ވެފައިވާ ދާއިރާއެއްގެ ކައުންސިލް ހޮވުމަކަށް ނޫނެވެ. އުމަރު ފާހަގަ ކުރެއްވި ގޮތުގައި މުޅި ދުނިޔޭގައި ވެސް އެކަން އޮންނަނީ އެހެންނެވެ.
މާލެއާ ހުޅުމާލެއިން ގެދޮރު ހޯދުމަށް ޓަކައި ނަމަވެސް މާލޭގައި އޮންނަ ރަށްވެހިންގެ ދަފުތަރަކީ ނުހަނު ބާރު ބޮޑު އެއްޗަކަށް މިވަނީ ވެފަ އެވެ. އުމުރު ދުވަހު މާލޭގައި ދިރި އުޅުނަސް ދަފުތަރުގައި ނުޖަހާނަމަ ވޯޓުލާން ރަށަށް ދާންޖެހޭ މައްސަލައަކީވެސް ކުޑަ މައްސަލައެއް ނޫނެވެ. އަމިއްލަ ގައުމުމުގައި ރެފިއުޖީން ފަދައިން ވެރި ރަށުގެ ރަށްވެހިކަން ހޯދުމަށް ކިޔޫއެއްގައި ތިބުމަކީ ވެސް ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން މާލޭގެ ދަފުތަރާ، ރަށްވެހި ވެވޭ އުސޫލަކީ ބޮޑު ބަދަލެއް އަންނަން ޖެހިފައި އޮތްކަންތައްތަކެކެވެ. ބޭނުންވަނީ ޒަމާނީ ބަދަލެކެވެ.
ހަތަރު މަތިފުށް މާލެެގެ ކިތަންމެ ބަޔަކު މައިފުނަ ގެދޮރުން ބެޭރުކޮށް ނަގުމަތިވެ ރަޖިސްޓްރީ ވެލަން ދަފުތަރުނުުން ކިތައްމެ ބަޔަކުވެސް އެބަތިއްބެވެ. އެއްޗެއް އުފެދެން ޖެހުނު ސަބަބު ދެނެގަތްބަލަ