ކެއުމުގެ ފަހުންވެސް ސުޕާރީއެކެވެ. ފޫހިވިޔަސް ސުޕާރީއެކެވެ. ކަމަކާއި ވިސްނަން ވިޔަސް ސުޕާރީއެކެވެ. ދެންވެސް ކިޔާނެ ކަމެއް ނެތެވެ. ސުޕާރީ އަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް އާއްމު އެއްޗަކަށް ވެއްޖެ އެވެ.

ދެ ރައްޓެހިން އެއްތަން ވެއްޖެނަމަ "ނެތްތަ ސުޕާރީއެއް" މި ސުވާލު އަޑުނީވޭ ފަހަރެއް މަދުވާނެ އެވެ.

ސުޕާރީ ކެއުން އަޅުގަނޑުމެންގެ ތެރޭގައި އާއްމުވެފައި އޮތް މިންވަރަކީ މި އުފެއްދުން ފޮށިފޮށިން ގެއަށް ވައްދާ ބަނޑު ކެއުމަކަށް ކައި އުޅޭ ޒުވާނުން ވެސް އުޅޭކަމެވެ. އެކި އެކި ބްރޭންޑްތަކުގެ ނަމުގައި ރުފިޔާއަކަށް ދޭ މި ކުޑަ ކުޑަ ޕެކެޓުން އަޅުގަނޑުމެންގެ ޖީބަށާއި ސިއްޙަތަށް ކުރާ ނޭދެވޭ އަސަރު އެނގެނީ އެއަށް ދެވިހިފާފައި ހުރި ކިތައް ޒުވާނުންނަށް ބާއޭ ހިތަށް އަރަ އެވެ.

ތެދެކެވެ؛ ގަބޫލު ކުރަން ބޭނުން ނުވިޔަސް ސުޕާރީގެ ހަގީގަތަކީ މިއީ އެވެ؛ އެއީ އިންސާނުންގެ ސިއްޙަތަށް ނުރައްކާތެރި އެތައް މާއްދާތަކެއް ހިމަނައިގެން އުފައްދާ އުފެއްދުމެކެވެ. ބަލާލަމާތޯ އެވެ. ސުޕާރީގެ އަސްލު ކަމަށްވާ އެރެކަ ނަޓްސް އަކީ ކިޑްނީ ހިލައާއި ސިސްޓް އުފެދުމަށް މަގުފަހި ކުރުވާ އެއްޗެއްކަން ދިރާސާތަކުން ސާބިތު ކޮށްދެ އެވެ. އޭގެ އިތުރުން ސުޕާރީގައި ހުންނަ ފޮނިރަހަ ގެނައުމަށްޓަކައި އެއްކުރެވޭ އާރޓިފިޝަލް ސްވީޓްނާސް އަކީ ކެންސަރުގެ ސެލްތައް ހަށިގަނޑުގައި ހެދި އާލާވުމުގެ ފުރުސަތު ދެގުނައަށް ބޮޑުކޮށްދޭ މާއްދާއެއް ކަމަށް ސައިންސްވެރިން ދަނީ އަބަދުވެސް ބުނަމުންނެވެ.

ސުޕާރީއަކީ ހަޖަމުކުރެވޭ އެއްވެސް މާއަދާއެއް އެކުލެވިގެންނުވާ އެއްޗެއް ކަމަށް ނުވާއިރު ހަށިގަނޑަށް އެތެރެވާ ސުޕާރީ ފުށްތައް ގޮހޮރުގެ ފާރުތަކުގައި ތަތްވެ ގޮހޮރުގެ ބަލިތަކާއި ހަޖަމު ކުރާ ނިޒާމުގެ ބަލިތަކަށް މަގުފަހި ކޮށްދޭކަން ވެސް އެއީ ސިއްހީ މާހިރުން ކެނޑިނޭޅި ދައްކަމުން އަންނަ ވާހަކައެކެވެ.

ކަންމިހެން އޮތްއިރު މި ނުބައި ޒަހަރު ބޭނުން ކުރުން ހުއްޓާލާކަށް ނުވޭތޯ އެވެ. އޭގެން ލިބެނީ ހަމައެކަނި ގެއްލުންކަން ކަނޑައެޅިގެން އެނގޭއިރު މި އާދައާއި ދުރުވާކަށް ނުވޭތޯ އެވެ. ހަމަ ޔަގީނުން ވެސް އެއީ ޖީބަށް ވެސް ލުއިވާނެ ނިންމުމެއްކަން ޔަގީނެވެ. ކޮންމެ މަހަކު ސަތޭކައިން ކުރެވޭ ހަރަދުތައް ސަލާމަތްވާނެ ކަމެއްކަން ޔަގީނެވެ. ވަގުތު ފާއިތު ނުވަނީސް ހެޔޮ ނިންމުމެއް ނިންމަމާ ހިނގާށެވެ. ދުޅަހެޔޮ ސިއްޙަތެއް އިހުތިޔާރު ކުރަމާ ހިނގާށެވެ.