ރައީސް މުހައްމަދު މުއިއްޒުގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، މައާފަށް އެދުމުން ވެސް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އޭނާ މުގައްރިރުކަން ކުރެއްވި އިޖުތިމާއީ ކޮމިޓީން މިއަދު ވަކިކޮށްފި އެވެ.
މާފަންނުގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މި ހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި ހިޔާލު ފާޅުކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މެންބަރު އަސްމާއަށް ރައީސްގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި، އޭނާ ދާއިރާގެ ރައްޔިތުންގެ ކިބައިން މާފަށް އެދެން ރައީސް އެންގެވި ކަމަށް އަޑުފެތުރިފައި އޮއްވާ އަސްމާ ވަނީ މާފަށް އެދި ކަން ހިނގިގޮތް ތަފުސީލުކޮށްދީ ބަޔާނެއް ނެރެފަ އެވެ.
އެހެން އެކަން އޮއްވާ މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ބަދަލު ގެނައިކަން އިއުލާނުކުރައްވާފަ އެވެ.
އެގޮތުން، އަސްމާ މުގައްރިރުކަން ކުރައްވަމުން ގެންދެވި އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ ވަކިކޮށްފަ އެވެ. އަދި، އެ ކޮމިޓީއަށް އަސްމާގެ ބަދަލުގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަނީ ހަމަޖައްސާފަ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައީ 28 އޮކްޓޫބަރުގައި ކަމަށެވެ. އެކަމަކު، ބެލެވޭ ގޮތުގައި އެއީ ނޮވެންބަރެވެ. މި ބަދަލު ގެނައީ ކީއްވެ ކަމެއް ރިޔާސަތުން އިއުލާނެއް ނުކުރެއެވެ.
އެހެންވެ، އަސްމާއްތަ މިހާރު އިންނަވަނީ ގެދޮރުވެރިކަމާ ގުޅޭގޮތުން މި މަޖިލީހުން އުފެއްދި ކޮމިޓީގައި އެކަންޏެވެ.
ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖާ ގުޅިގެން މާފަށް އެދިވަޑައިގެން އަސްމާ ބަޔާނެއް ނެރުނީ ނޮވެންބަރު 28ވީ މިދިޔަ ހުކުރު ދުވަހެވެ.
އެ ބަޔާނުގައި އޭނާ ވިދާޅުވީ، ފޮނުއްވި މެސެޖެއް ފޮނުއްވީ ބައްދަލުވުމުގައި ސީދާ ރައީސަށް ސުވާލު ދެންނެވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ބޭފުޅުންގެ ކަންބޮޑުވުންތައް ވެސް ރައީސާ ހަމައަށް ގެންދިއުމަށްޓަކައި ކަމަށެވެ. އަދި، މެސެޖާ ގުޅިގެން އޮޅުމެއް އަރާފައިވާނަމަ، މާފަށް އެދޭ ކަމަށް ބަޔާނުގައި އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް އެ ދުވަހު ހެނދުނު ވަނީ ރައީސާ އެއްވެސް ބޭފުޅަކު ކުރައްވަން ބޭނުންފުޅުވާ ސުވާލެއް ކުރިން ހުށަހަޅަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ކޮންމެ ބޭފުޅަކު ވެސް ފާހަގަކުރައްވަން ބޭނުންފުޅުވާ ކަންބޮޑުވުމެއް ފާޅުކުރެއްވޭނެ ކަމަށް އެ ދުވަހު އޭނާ ވިދާޅުވިއެވެ.
މާ ގިނައިން އަރާރުންވާނަމަ ސިއްހަތަށް ގެއްލުންވޭ!
ސްކޭމްކޮށްގެން ޑޮލަރު ހޯދިކަމަށް ބުނެ ޒުވާނަކު ހައްޔަރުކޮށްފި