ސަރުކާރު ސްކޫލުތަކުގެ ޔުނީފޯމަށް ހަތަރު ކުލައެއް ހަމަޖައްސައި، 2027ގެ ފަހުން އެ ކުލަތަކަށް ބަދަލުކުރަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސަރުކާރު ސްކޫލުތަކުގެ ޔުނިފޯމްތައް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން ކުރުމަށް ނިންމާފައިވަނީ 2027 ވަނަ އަހަރުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ބަދަލުގެންނަން އެއް އަހަރުގެ މުއްދަތެއް ދިނީ ކުއްލިއަކަށް އެ ބަދަލު ގެނެސްފި ނަމަ ބެލެނިވެރިންނަށް އެކަމުގެ އުނދަގޫ ކުރިމަތިވެދާނެ ކަމަށް ވިސްނާފައި ކަމަށެވެ. އެހެން ކަމުން އެއް އަހަރުގެ މުއްދަތެއް އެކަމަށް ތައްޔާރުވުމަށް ބެލެނިވެރިންނަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޔުނީފޯމްތައް ބަދަލުކުރާނީ ހަތަރު ކުލައަކަށް ކަމަށާއި އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލައަށެވެ.
އޭގެ ތެރެއިން، ޔުނީފޯމުގެ މަތި ނުވަތަ ގަމީސް، އެ ސްކޫލަކުން ބޭނުންވާ ކުލައަކަށް ބަދަލުކުރެވޭނެ އެވެ. ނަމަވެސް، ފަޓުލޫނު ނުވަތަ ޔުނީފޯމްގެ ތިރީ ބައި ހުންނަން ޖެހޭނީ ކަޅު ނުވަތަ ކަޅު ނޫ ކުލައިގަ އެވެ. އެގޮތަަށް ބަލާނަމަ 90 ޕަސެންޓް ސްކޫލުގެ ޔުނީފޯމް ބަދަލުކުރަން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ސްކޫލުތަކުގައި ގްރޭޑް އެކަކުން ފެށިގެން މަތީގެ ދަރިވަރުން މިހާރު ޓައީ އަޅަން ޖެހެ އެވެ. އެކަމަކު، ޔުނީފޯމް ޕޮލިސީ ބަދަލުކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވި ގިނަ ޕްރިންސިޕަލުން އެދިވަޑައިގަތީ ކީ-ސްޓޭޖު 3 (ގްރޭޑު 7 އިން ފެށިގެން މަތީ)ގެ ކްލާސްތަކުގެ ދަރިވަރުން ޓައީ އަޅަންޖެހޭ ގޮތަށް ބަދަލުތައް ގެނެސްދިނުމަށެވެ. އޭރުން އެ ސްކޫލެއްގެ ޔުނީފޯމް ކުލައިން ޓައީ އެޅޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަލަށް އަމަލުކުރަން ފަށާ ޕޮލިސީއާއެކު، އަންހެން ދަރިވަރުން ޔުނީފޯމް އެޅުމަށް ގިނަ އޮޕްޝަންތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ބެގީ ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތާއި ސްކާޓު ލާން ބޭނުންވާ ކުދިންނަށް އެ ޖާގަ ވެސް ދެން ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމީ ޔުނީފޯމާއެކު، 2027 އިން ފެށިގެން އެކްޓިވިޓީ ޔުނީފޯމަށް ވެސް ކުދި ބަދަލުތައް އަންނާނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އެ އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްމާ މުގައްރިރުކަން ކުރެއްވި ކޮމިޓީން ވަކިކޮށްފި
ސޯލިހާއި ޝާހިދުގެ ސަބަބުން ވަހީދު މަގާމު ދޫކޮށްލަައިފި
ޝިފާއުގެ މައްޗަށް 16 ދައުވާއެއް ސާބިތުވެއްޖެ