ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ކުންފުނި، ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފިއެވެ.

ވިލާގެ އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ އިބްރާހީމް ސިޔާދު ގާސިމެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.

ތޫފާނުގެ ސަބަބުން ލަންކާގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ތޫފާނުގައި 218 މީހަކު ވަނީ ގެއްލިފަ އެވެ. އަދި މަދުވެގެން 50،000 ގެ ތޫފާނުގެ ސަބަބުން މުޅިން ހަލާކުވެފައިވާ ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި ފާހަގަ ކުރެވޭ ވިލާ ގްރޫޕުގެ އިތުރުން ބައެއް އެހެން ބޮޑެތި ކުންފުނިތަކުން ވެސް ދަނީ ލަންކާއަށް އެހީތެރިވަމުންނެވެ. އެގޮތުން ސަން ސިޔާމް ގްރޫޕާއި ކްރައުން އެންޑް ޗަމްޕާ އާއި އެލިއާ މޯލްޑިވްސް އިން ވެސް ވަނީ ލަންކާއަށް އެހީތެރިވެފަ އެވެ.

ރާއްޖޭގެ އިތުރުން ލަންކާގައި ވެސް ރިސޯޓެއް ހިންގާ ސަން ސިޔާމް ގްރޫޕުން ވަނީ ލަންކާއަށް 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. ކްރައުން އެންޑް ޗަމްޕާއިން ވަނީ 10،000 ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެލިއާއިން ވަނީ 20،000 ޑޮލަރު ލަންކާއަށް ދީފަ އެވެ.

އޭގެ އިތުރުން، "ލަންކާއާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނަށް ވެސް ގިނަ އަދަދެއްގެ ފައިސާ ދިވެހި އެކި ކުންފުނިތަކާއި އާންމުން ވަނީ ހަދިޔާކޮށްފައެވެ. ޕަބްލިކް ސާވިސް މީޑިއާއިން ބުނާ ގޮތުގައި އެ ޓެލެތޯނަށް މިހާތަށް 10 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެ ޓެލެތޯނަށް މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ ޓެލެތޯނަށް 2.4 މިލިއަން ރުފިޔާ ދީފަ އެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރި އެވެ.