އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ބިލާއި ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ އަތޮޅު ކައުންސިލްތަކުގެ މިހާރު ހިނގަމުންދާ ދައުރު ހަމަވުމާއެކު، އެ ކައުންސިލްތައް އުވޭ ގޮތަށެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވީ އާބާދީގައި 2،000 އަށް މަދު މީހުން ތިބި ރަށްރަށަށް އިންތިހާބުކުރާ ކައުންސިލް މެމްބަރުންގެ އަދަދު ތިނަކަށް މަދު ކުރުމަށެވެ.

އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައި އޮތް ބާރު މިވަގުތުން ފެށިގެން އުނިވީ އެވެ. އެހެންކަމުން ދެން އަތޮޅު ކައުންސިލެއް ވުޖޫދެއް ނުކުރެވޭނެ އެވެ.

ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް ބަދަލުގައި ލާޒިމު ކުރެ އެވެ. އެގޮތުން ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެ އެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވާންޖެހެ އެވެ.

އިސްލާހުތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އިތުރު ބާރު ލިބިދޭ މާއްދާތަކެއް ވެސް ހިމެނެ އެވެ. އެގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި އެލްޖީއޭގެ އޮފީސްތައް ހިންގުމުގެ ބާރު އިސްލާހުގެ ދަށުން އެ އިދާރާއަށް ލިބޭނެ އެވެ. އަދި ކައުންސިލްތަކުން ރަސްމީކޯށް ރިޕޯޓު ކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ފަރާތަކީ އެލްޖީއޭ ކަމަށް ވެސް ވަނީ އިސްލާހުގައި ކަނޑައަޅައިފަ އެވެ.

ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން ގާނޫނަށް އިސްލާހު ގެނައިއިރު، މިހާތަނަށް ގާނޫނު އޮންނަ ގޮތުން 3،000 އަށް ވުރެ މީހުން މަދު ރަށްތަކުގައި ފަސް ކައުންސިލް މެމްބަރުން އަދި އެއަށް ވުރެ ގިނަ މީހުން އުޅޭ ރަށްރަށުގައި ހަތް ކައުންސިލް މެމްބަރުން އިންތިހާބު ކުރަން ޖެހެ އެވެ.