ތޫފާން ޑިޓުވާގައި ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކަށް އެހީވާން ޕީއެސްއެމް އިން އިސްނަގައިގެން ބައެއް މީޑިއާތަކުގެ ބައިވެރިވުމާއެކު ބޭއްވި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ އެވެ.

ޕީއެސްއެމް އިން ބުނީ ދިވެހި ރުފިޔާއިން 11.4 މިލިއަން ރުފިޔާ އެ ޓެލަތޯނަށް ލިބުނު ކަމަށެވެ. އެއީ 209.5 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ. އަދި 43،000 އެމެރިކާ ޑޮލަރު އެ ޓެލެތޯނަށް ލިބުނު ކަމަށް ވެސް ޕީއެސްއެމް އިން ބުންޏެވެ. އެއީ 13.2 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ. އެހެންކަމުން ޓެލެތޯނުން ޖުމްލަ 222 މިލިއަން ސްރީ ލަންކަން ރުޕީސް ލިބިފައިވެ އެވެ.

ޓެލެތޯނަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައި ވަނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. ފުލުހުން ވަނީ 2.4 މިލިއަން ރުފިޔާ ޓެލެތޯނަށް ހަދިޔާކޮށްފަ އެވެ. އެމްއެންޑީއެފް އިން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރި އެވެ.

ސްރީލަންކާއަށް އެހީވުމަށް ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސް ދަޅު ހަދިޔާކުރަން ނިންމާފަ އެވެ. ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު ވަނީ 200،000 ޑޮލަރު ހަދިޔާ ކުރައްވާފަ އެވެ. އެއީ 61.8 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ.

ވިލާ ގްރޫޕުން ވެސް ވަނީ ލަންކާއަށް 100،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. އެއީ 30 މިލިއަން ސްރީ ލަންކަން ރުޕީސް އެވެ.

މީގެއިތުރުން ވެސް އެހެން ބައެއް ވިޔަފާރިތަކުން ވަނީ ލަންކާއަށް ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.