އަންނަ ހުކުރު ދުވަހުގެ ކުރިން މުޅި އާއިލާ އާ އެކު ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަމިއްލަ ގައުމު ދޫކޮށް ދާން ޖެހޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރުދެއްވައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޓްރަމްޕް ވެނެޒުއެލާގެ ރައީސް މަދޫރޯ އަށް ގައުމު ދޫކޮށް ދާން އިންޒާރު ދީފައި ވަނީ ފޯނުން ގުޅުވާފަ އެވެ. ޓްރަމްޕް ވަނީ އޭނާ ވެނެޒުއެލާގެ ރައީސަށް ފޯނުން ގުޅުއްވި ކަމަށް އަމިއްލައަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެ ފޯން ކޯލުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އޭނާ ވެނެޒުއެލާގެ ރައީސަށް ފޯނުން ގުޅުއްވާ ވާހަދެއްކެވި ކަމަށާއި ނަމަ ވެސް އެ ކޯސް އަކީ އިންޒާރުގެ ކޯލެއް ނަމަވެސް އަދި މައްސަލަ ހައްލުކުރަން ގުޅި ކޯލެއް ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ވިދާޅުވެފައި އެވެ.
ވެނެޒުއެލާގެ ރައީސް މަދޫރޯ އާއި ޓްރަމްޕް ގެ ހޫނު ޒުވާބުގެ ތެރެއިން ރައީސް މަދޫރޯގެ ވެރިކަން ދެން މާގިނަ ދުވަހު ދެމިނޯންނާނެ ކަމަށާއި އޭނާގެ ވެރިކަމަށް އޮތީ މަދު ދުވަސްތަކެއްކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ވެސް ދެއްވާފައި އެވެ.
އެމެރިކާގެ ރިޔާސީ ޖެޓް އެއާފޯސް ވަން ގައި ހުންނަވައިގެން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ މަދޫރޯގެ ވެރިކަން ވެއްޓެން އޮތީ މަދު ދުވަސްތަކެއްކަން އޭނާ ހަނދާން ކުރަންވާނެ ކަމަށެވެ.
މަދޫރޯއަކީ އެމެރިކާގެ މަސްލަހަތަށް ހުރި ނުރައްކަލެއްކަން ބަޔާން ކުރައްވައި އެމެރިކާގެ ރައީސް ޓްރަމްޕް، ވެނެޒުއެލާގެ ރައީސް މަދޫރޯއަށް ބިރުދެއްކެވި ނަމަވެސް މަދޫރޯގެ ވެރިކަން ވައްޓާލުމަށްޓަކައި އެމެރިކާ އަސްކަރީ ގޮތުން ވެނެޒުއެލާއަށް އަރައިގަތުމުގެ ވިސްނުމެއް ނެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ އަމުރަށް އެމެރިކާ އިން ވެނެޒުއެލާގެ ކައިރިއަށް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ފޮނުވައިގެން އެގައުމަށް ބިރުދައްކައި ބުލީކުރަމުން ގެންދާއިރު މިއީ އެމެރިކާ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވައިދާ އަދި އުސޫލުތަކާ ހިލާފުވެ ބައިނަލްއަގްވާމީ ނިޒާމަށް ގޮންޖެހުމުގެ އަމަލެއްކަމަށް ވެނެޒުއެލާއިން ބުނެ އެވެ.
އެމެެރިކާ ވެނެޒުއެލާއާ ދެކޮޅަށް މިކަން ކުރަނީ ލެޓިން އެމެރިކާގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް ވެނެޒުއެލާ ސަރުކާރުން މަސައްކަތް ނުކުރާކަމަށް ބުނެ ބަހަނާތަނެއް ދައްކައިގެންނެވެ.
ނަމަވެސް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވާގޮތުގައި އެމެރިކާ އޭނާގެ ގައުމުގެ ކައިރިއަށް ހަނގުރާމައިގެ ގުރާބުތައް ފޮނުވައިގެން ބިރުދައްކަނީ އޭނާގެ ވެރިކަމުގައި ވެނެޒުއެލާގެ ތެލާއި އެނޫންވެސް ގުދުރަތީ ވަސީލަތްތަކަށް އަތްގަދަ ކުރުމުގެ ފުރުސަތު އެމެރިކާއަށް ނުލިބޭތީ އެވެ.
އެމެރިކާގެ ބޭނުމަކީ އޭނާގެ ވެރިކަން ވައްޓާލައި ވެނެޒުއެލާގެ ވެރިކަމަށް އެމެރިކާގެ ގޮނޑިކޮއްކޮ އަކު ގެނެސްގެން ވެނެޒުއެލާގެ ތެލާއި އެނޫންވެސް ގުދްރަތީ ވަސީލަތްތަކަށް ވެރިވެގަތުންކަމަށް މަދޫރޯ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އެމެރިކާ އިން ވަނީ ވެނެޒުއެލާއަށް ބިރުދައްކާގޮތަށް ކޮލަންބިއާއަށްވެސް މިހާރު ބިރުދައްކަން ފަށާފަ އެވެ. ކޮލަންބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާއި ޖެނޮސައިޑް އާ ދެކޮޅަށް ފާޅުގައި ބަސްބުނާ ދުނިޔޭގެ މަދު ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އޭނާވަނީ އިސްރާއީލާ ގުޅުންތައް ކަނޑާލައްވައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާނެ ބައިނަލްއަގްވާމީ ލަޝްރެއް އުފެއްދުމަށް ގޮވާލައްވާފަ އެވެ.
ވެނެޒުއެލާއާއި ކޮލަންބިއާ އަދި އީރާންފަދަ ގައުމުތަކާ ދެކޮޅަށް އެމެރިކާ އިން ބިރުދެއްކިނަމަވެސް ޗައިނާއާއި ރަޝިއާ ފަދަ އެމެރިކާއަށް ސީދާ ގޮތެއްގައި ރައްދުދީ އެމެރިކާއަށް ބޮޑު ގެއްލުމެއް ދެވޭވަރުގެ ގައުމަކާ ދެކޮޅަށް ބިރުދައްކަން އެމެރިކާއަށް މިހާތަނަށް ކެރިފައެއް ނުވެ އެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ އެމެރިކާގެ ބިރުދެއްކުންތަކާއި ބުލީ ކުރުންތަކުގެ ކުރިމަތީގައި އަމާން ނުދޭނެކަމާއި އެމެރިކާއަކީ ބައިނަލްއަގްވާމީ ޓެރަރިޒަމް ސްޕޮންސާކުރާ ގައުމެއްކަމަށް ތުހުމަތު ކުރައްވާފަ އެވެ.
އަސްމާ މުގައްރިރުކަން ކުރެއްވި ކޮމިޓީން ވަކިކޮށްފި
ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތައް ކަނޑާލަން ފާސްކޮށްފި
10 އަހަރަށްފަހު ރަންބީރުއާއި ދީޕިކާ އެކުގައި ފެންނަނީ!