އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅާފައި އޮތް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަށް ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިވަގުތު ވަގުތީ ޗެއާޕާސަންގެ މަގާމަށް ހުށަހަޅާފައި އޮތް ހަމައެކަނި ނަމަކީ ޣަފޫރެވެ. އޭނާއަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ފައްޔާޒު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން އަވަސް ކުރުމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ގެ ކިބައިން ވަނީ އެދިފަ އެވެ.
"މިހާރު އޮތީ އެމްޕީ ޣަފޫރުގެ ނަން އެކަނި. އަޅުގަނޑުގެ ތާއީދު އެބައޮތް އެމްޕީ ޣަފޫރަށް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
ފައްޔާޒުގެ މި މެސެޖަށް ތާއީދުކޮށް އެ ގްރޫޕުގައި ތިބި 40 ބޭފުޅަކު ވަނީ ރިއެކްޓު ކޮށްފަ އެވެ. ޣަފޫރަކީ މިވަގުތު އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. މިވަގުތު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ފައްޔާޒު އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.
ވަގުތީ ގޮތުން ޗެއާޕާސާނުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޣަފޫރުގެ އިތުރުން ހުށަހެޅީ ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުالله ވަހީދު (ދިއްދޫ ވައްޑޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމުގެ ނަމެވެ.
އޭގެ ތެރެއިން އަސްލަމްގެ ނަމަށް ވޯޓަށް އަހަން ރިޔާސަތުގައި އިންނެވި އިބްރާހިމް ވަހީދު ވަނީ ދެކޮޅު ހަދައިފަ އެވެ. ރިޔާސަަތުން ބުނީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރަންޖެހޭނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަމަށެވެ.
ދިއްދޫ ވައްޑެއަށް ތާއީދު އޮތްތޯ ބަލަން ނެގި ވޯޓުގައި ހާޒިރުވި 96 މެންބަރުންގެ ތެރެއިން އޭނާއަށް 47 ވޯޓު ލިބުނެވެ. ނަމަވެސް ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.
ޖަލްސާގައި އަަސްލަމްގެ ނަމަށް ވޯޓަށް ނުއެހުމުން ވަރަށް ބޮޑަށް މައްސަލަ ހޫނުވި އެވެ. އަދި ދިއްދޫ ވައްޑެއަށް ބޭނުންވާ އަދަދަށް ވޯޓު ނުލިބޭ ކަމަށް ނިންމުމުން ވެސް ޖަލްސާ ވަރަށް އަޑުގަދަވި އެވެ. ވައްޑެއަށް ތާއީދު ކުރައްވާ މެންބަރުން ބުނަމުންދަނީ ވަގުތީ ޗެއާޕާސަންގެ މަގާމަށް އޭނާ ހޮވިފައިވާ ކަމަށެވެ.
އެ ރޭގެ ޖަލްސާގެ ނިޒާމު ގެއްލުނު ކަމަށް ބުނެ އިބުރޭ ޖަލްސާ ނިންމާލީ ޣަފޫރުގެ ނަމަށް ވޯޓަށް ނާހަ އެވެ.
އޭގެ ދެ ދުވަސް ފަހުން އިބުރޭ ވަނީ އެ އިންތިހާބުގައި ވަހީދު އަށް ބޭނުންވާ ވަރަށް ވޯޓު ލިބިފައިވާ ކަމަށް ވިދާޅުވެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުއަށް ރިޕޯޓެއް ފޮނުވާފަ އެވެ.
މި ރިޕޯޓަށްފަހު ވަހީދު، ޝާހިދުއަށް ފޮނުވި ސިޓީއެއްގައި އޭނާ އެ މަގާމަށް ހޮވުނު ނަމަވެސް މަގާމާ ހަވާލުވާން ބޭނުންނުވާ ކަމަށް ވަނީ ބުނެފަ އެވެ. ސަބަބެއްގެ ގޮތުގައި ވަހީދު ދެއްކީ ޝާހިދު ހިމެނޭހެން ޕާޓީގެ އިސްވެރިން އޭނާއަށް ހުރަސްއެޅުމެވެ.
އެގޮތުން ވަގުތީ ޗެއާޕާސަނުގެ މަގާމަށް ކުރިމަތިލާން ނިންމީ އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ އެދުމަށް ކަމަށާއި އެކަން ޝާހިދު އާއި ޕާޓީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެންގުމުން ކުރިއަށް ދިޔުމަށް އެ ދެ ބޭފުޅުން ދެންނެވި ކަމަށް ވަހީދުގެ ސިޓީގައި ބުނެފައިވެ އެވެ. ތާއީދު ލިބޭނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ވަހީދުގެ ސިޓީގައިވެ އެވެ.
ސަރުކާރުން ދޭ 50،000 ޑޮލަރުގެ އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްފި
ލިޕްސްޓިކް ޖައްސާއިރު އޭގެ ހަގީގަތް އެނގޭތަ؟
ތައިރޮއިޑް ބައްޔަށް ކެއިންބުއިމުން ވެސް ލުއި ހޯދޭނެ!