ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ރޯވެ، ޖަނެރޭޓަރެއް ހަލާކުވެފައިވިޔަސް، ފެނަކަ ކޯޕަރޭޝަނުން ކުރި މަސައްކަތުން މުޅި ރަށަށް ކަރަންޓްދީފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ، ގަމުގެ ހުރިހާ ތަންތަނަށް ކަރަންޓު އަލުން ދީ ނިންމައިލެވުނީ މިރޭ 11:30 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އިންޖީނުގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އިންޖީނުގޭގެ އިމާރާތް މިހާރު ވަނީ ވަގުތީގޮތުން ހިޔާކޮށް ބޭނުންކުރެވޭ ވަރުކޮށްފަ އެވެ.

ގަމުގެ ތިން އަވަށަށް ކަރަންޓު ދޭން ބޭނުންކުރަނީ ފަސް ޖަނެރޭޓަރެވެ. އޭގެތެރެއިން އެއް ޖަނެރޭޓަރު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

"މިހާރު އެއްވެސް މައްސަލައެއް ދިމާނުވެ ކަރަންޓްގެ ހިދުމަތް ގަމު ރައްޔިތުންނަށް ލިބޭނެ،" ނަޖާހު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކަށް ދާއިމީ ހައްލު ގެނައުމުގެ މަސައްކަތް ކުރިއަށްއޮތް ދުވަސްތަކުގައި ކުރިއަށްގެންދާނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.