ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާންކޮށްފި އެވެ.

އީސީން މިއަދު ނެރުނު އިއުލާނުގައި ވަނީ، އަންނަ އަހަރު ބާއްވާ އިންތިޚާބުގައި 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ އެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިޢުލާނުކޮށްފައެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ މީހުން، މި މަހު 21ގެ 15:00ގެ ކުރިން އީ-ފާސް މެދުވެރިކޮށް އީސީގެ ޕޯޓަލްއިން އެޕްލިކޭޝަން ހުށަހެޅުމަށް އީސީން ވަނީ އެދިފަ އެވެ.

މީގެ އިތުރުން އެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އީސީން ވަނީ ޢިއުލާންކޮށްފަ އެވެ. އެގޮތުން، މަގާމަށް ޝައުގުވެރިވާ މީހުން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް އީސީން ވަނީ އެދިފަ އެވެ.

ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ވަނީ ފަށައިފަ އެވެ. ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުވާލައިފަ އެވެ.

އިދިކޮޅު އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 28ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، ކައުންސިލްތަކަށް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށާއި، އާބާދީ ކުޑަ ރަށްރަށުގައި ތިބޭ ކައުންސިލަރުން މަދުކުރުމަށް ފާސްކޮށް، ގާނޫނުއަސާސީއާއި ކަމާ ގުޅުންހުރި ގާނޫނުތައް އިސްލާހުކޮށްފަ އެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ކުރިން ވިދާޅުވެފައި ވެ އެވެ.

ޒާހިދު އޭރު ވިދާޅުވީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ "ވަރަށް އަގުބޮޑު އިންތިހާބުތަކެެއް" ކަމަށެވެ. އަދި ކުރިމަގުގައި އިންތިހާބުތަކަށް ހިނގާ ހަރަދު ކުޑަކުރަން ވިސްނުންތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންތިހާބުތަކަށް އެހާ ބޮޑު ހަރަދެއް ހިނގަނީ އިތުބާުރު ކުރެވޭ އިންތިހާބުތަަކަށް ހެދުމަށްޓަކައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާތީ އެވެ.