އެންޓަޓެއިންމަންޓް ސްޓްރީމިން ދާއިރާގައި ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނި އެމެރިކާގެ ނެޓްފްލިކްސްއިން، ދުނިޔޭގެ އެންޓަޓެއިންމަންޓް ދާއިރާގެ އެންމެ ބޮޑު ބޮޑު އެއް ކުންފުނި ވޯނާ ބްރޯސް ޑިސްކަވަރީގެ ފިލްމާއި ސްޓްރީމިން ވިޔަފާރިތައް 72 ބިލިއަން ޑޮލަރަށް އަށް ގަތުމަށް އެއްބަސްވެއްޖެ އެވެ.
ނެޓްފްލިކްސްއިން، ދުނިޔޭގެ އެންޓަޓެއިންމަންޓް ދާއިރާގެ ބާރުގަދަ ނަމެއް ކަމަށްވާ ވޯނާ ބްރޯސް އާ ދެމެދު ވެވުނު މި އެއްބަސްވުމަކީ ކޭޝް އަދި ސްޓޮކް ހިއްސާކޮށްގެން ކުރާ މުއާމަލާތެކެވެ.
ސްޓްރީމިން ދާއިރާގައި ނެޓްފްލިކްސްގެ މަގާމު ވަރުގަދަ ކުރުމަށްޓަކައި އެއްބަސްވި މި ޑީލަކީ ދުނިޔޭގެ މީޑިއާ އިންޑަސްޓްރީގައި ދެކެވުނު އެންމެ ބޮޑު އެއް ވާހަކަ އެވެ.
މި ޑީލުގެ ދަށުން ނެޓްފްލިކްސްއިން ވޯނާ ބްރޯސް ޑިސްކަވަރީ (ޑަބްލިއުބީޑީ)ގެ ހިއްސާދާރުންނަށް، އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް ނެޓްފްލިކްސްގެ 1.8 ހިއްސާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ޖުމްލަ 72 ބިލިއަން ޑޮލަރުގެ މި ޑީލަކީ މީޑިއާ އިންޑަސްޓްރީގައި މިހާތަނަށް ހެދުނު އެންމެ ބޮޑެތި ޑީލްތަކުގެ ތެރޭގައި ހިމެނޭ އެއް ޑީލެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މި ޑީލް ނެޓްފްލިކްސްއިން ހަދަން ނިންމީ ސްޓްރީމިން ދާއިރާގައި ކުރިމަތިވެފައިވާ ބޮޑެތި ވާދަވެރިކަމުން އަރައިގަތުމަށް ކަމަށް ވެ އެވެ.
ޑިޒްނީ އެޗްބީއޯ މެކްސް އަދި އެމަޒޯން ޕްރައިމް ވީޑިއޯ ފަދަ ޕްލެޓްފޯމްތަކުގެ ވާދަވެރިކަން ބޮޑުވަމުންދާ މި ދުވަސްވަރު، ވޯނާ ބްރޯސްގެ ކޮންޓެންޓް ލައިބްރަރީއަކީ ނެޓްފްލިކްސްއަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެކެވެ. މީގެ ތެރޭގައި ޑީސީ ކޮމިކްސް، ހެރީ ޕޮޓާ، އެޗްބީއޯ ސިލްސިލާތަކާއި ކާޓޫން ނެޓްވޯކްގެ ކޮންޓެންޓްތައް ހިމެނެ އެވެ.
މި ޑީލުގެ ސަބަބުން ނެޓްފްލިކްސްއަށް މާކެޓުގައި އިތުރު ބާރެއް ލިބި، ސްޓްރީމިން ދާއިރާގެ އެންމެ ބޮޑު ކުންފުންޏަށް ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިފަދަ ބޮޑެތި އެއްބަސްވުންތަކަށް ސަރުކާރުގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް ބަލަމުންނެވެ. ވިޔަފާރީގެ ވާދަވެރިކަން ކުޑަވިޔަ ނުދިނުމަށް ގިނަ ގައުމުތަކުގެ ރެގިއުލޭޓަރީ ބޮޑީތަކުން މި ޑީލް ދިރާސާ ކުރާނެ ކަމަށް ވެސް ވަނީ ލަފާކުރެވިފަ އެވެ.
ދެ ކުންފުނި އެއްކޮށްލުމުގައި ހުރި ގޮންޖެހުންތަކާއި މުސްތަގުބަލުގައި އަންނާނެ ބަދަލުތަކަކީ މިހާރު އެންމެންގެ ސަމާލުކަން ހުއްޓިފައިވާ ކަންތައްތަކެވެ.
މި ޑީލުގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާގެ ތަފާތު ބައިތައް ގުޅިގެންދާނެ ކަމަށް މާހިރުން ދެކެ އެވެ. އެގޮތުން ފިލްމު، ޓީވީ ޝޯ، ކާޓޫން، އަދި ޑޮކިއުމެންޓްރީ ފަދަ ތަފާތު ކޮންޓެންޓްތައް އެއް ޕްލެޓްފޯމަކުން ލިބިގެން ދިއުމަކީ އާއްމުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ނަމަވެސް، މުސްތަގުބަލުގައި ކޮންޓެންޓްގެ އަގުތަކަށް އަންނާނެ ބަދަލުތަކާމެދު ބައެއް ފަރާތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.
ފީފާ ވޯލްޑް ކަޕް 2026ގެ ގުރު ނަގައިފި
ކޮންމެ ކޮންމެ ގޮތަކަށް ނިދައިގެން ހަގީގީ ފައިދާއެއް ނުލިބޭނެ!
"މޭ ހޫން ނާ"ގެ ދެވަނަ ބައެއް އަންނަނީ؟