އައްޑޫ ބަނދަރަށް ވަގަށް އެތެރެ ކުރި 1.8 މިލިއަން ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާދިއްތަ ދުވަހު ނައްތާލައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އެ އިދާރާއިން ހިފަހައްޓާފައިވާ 1.8 މިލިއަން ސިނގިރޭޓު ސްޓިކްސް ނައްތާލާފައިވާ ކަމަށެވެ.
އެ ތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް، ހިތަދޫ ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގައި އައްޑޫ ހިތަދޫ ޕޯޓުން އަތުލައިގެންފައިވާ ސިނގިރޭޓް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓުތައް ނައްތާލީ އައްޑޫ ހިތަދޫ ޕޯޓް ލިމިޑެޓް ސަރަހައްދުގައި ކަމަށެވެ.
އެ ތަކެއްޗަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެތި ކަމަށާއި ކަސްޓަމްސްގެ ގާނޫނުގެ ދަށުން އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.
ސިނގިރޭޓުގެ ކަޅު ބާޒާރަށް ބަލާއިރު، މި އަހަރުގެ އޮކްޓޫބަރު މަހުގެ 25 ގައި ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެ މިލިއަން ސިނގިރޭޓު ވަނީ އަތުލައިގަތްފަ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ 30 ގައި ރާއްޖޭގައި އުފައްދާފައި ހުރި 980،000 ވަގު ސިނގިރޭޓު އަތުލައިގަނެފައި އެވެ.
މި އަހަރުގެ މާޗު މަހޖުގެ 26 ވަނަ ދުވަހު އެއާޕޯޓު ޑިއުޓީ ފްރީއިން 140 ކާޓަނު ސިނގިރޭޓު ވަގަށް ނެރެން އުޅެނިކޮށް އަތުލައިގަތްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޑިއުޓީ ފްރީ އިން 140 ކާޓަން ސިނގިރޭޓު ބޭރު ކުރަން އުޅުނު ފުލުހަކު ވެސް ވަނީ ހައްޔަރު ކޮށްފައި އެވެ.
މީގެ އިތުރުން މި އަހަރުގެ އޭޕްރީލް މަހުގެ 19 ގައި ގަން އެއާޕޯޓުން ވަގަށް އެތެރެކުރަން އުޅުނު 130،000 ސިނގިރޭޓު އަތުލައިގަތުމާއި އޭޕްރީލް 26ގައި ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަން ސިނގިރޭޓު އަތުލައިގަތުމާއި މެއި 6 ގައި މާލެ ތެރެއިން 221 ކާޓަންގެ ވަގު ސިނގިރޭޓު އަތުލައިގަތުމާއި މެއި 25ގައި ވަގަށް އެތެރެ ކުރަން އުޅުނު 32 ކާޓަން ސިނގިރޭޓު އަތުލައިގަތުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ސެޕްޓެމްބަރު 24ގައި ހިތަދޫ ޕޯޓުން ވަގަށް އެތެރެ ކުރަން އުޅުނު 1.8 މިލިއަން ސިނގިރޭޓު އަތުލައިގަތުން ހިމެނެ އެވެ.
ސިނގިރޭޓް ގެ ކަޅު ބާޒާރު މިހާބޮޑަށް ފެތުރިގެން ގޮސްފައިވާއިރު، ސިނގިރޭޓާ ދެކޮޅަށް ކަމަށް ބުނެ ސަރުކާރުން ވަނީ ވަރަށް ހަރުކަށި ގަވާއިދެއް ވެސް ފެބްރުއަރީ، 2025، ގައި ގެޒެޓުކޮށްފަ އެވެ. އެކަމަކު، އާންމު ތަންތަނުގައި ސިނގިރޭޓު ބޭނުން ކުރުން ފަދަ އެ ގަވާއިދުގައި ހިމެނޭ މުހިންމު ކަންކަން ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ.
މާލެ އެތެރެ ކުރަން އުޅެނިކޮށް އޭޕްރީލް، 2025، ގައި ހިފެހެއްޓި 13 މިލިއަން ސިނގިރޭޓު ހުޅުމާލޭ ބަނދަރުގައި ހުއްޓައި ވަގަށް ނެގި މައްސަލައެއް ވެސް މިދިޔަ އޮކްޓޯބަރު މަހު ފެންމަތިވި އެވެ. އެ މައްސަލައިގައި ޕޯޓުގެ ބައެއް މުވައްޒަފުން އަދި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ނޮވެމްބަރު އަދި ޑިސެމްބަރު، 2024، އިން ފެށިގެން ވޭޕް މަނާކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމުން ރާއްޖެ އެތެރެ ކުރާ ވަގު ސިނގިރޭޓު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކުރިން ސިނގިރޭޓު ލިބެން ހުރި އަގަށް ވުރެ ހެޔޮކޮށް ވަގު ސިނގިރޭޓު ގަންނަން ވެސް ލިބެ އެވެ. މާލޭގައި އެންމެ ފުޅާކޮށް ދައުރު ކުރާ ވަގު ސިނގިރޭޓަކީ މެންޗެސްޓާ އެވެ. މެންޗެސްޓާ ސިނގިރޭޓު ފޮއްޓެއް 100 ރުފިޔާއަށް ލިބެ އެވެ.
ގަވާއިދުން އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބެނީ 240 ރުފިޔާއަށެވެ. ރޯލިން ޓޮބޭކޯ އާންމުކޮށް ލިބެނީ 200 ރުފިޔާއަށެވެ. ޓެކްސް ބޮޑު ކުރުމުގެ ކުރިން ސިނގިރޭޓު ފޮއްޓެއް ލިބުނީ 140 ރުފިޔާއަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ކަސްޓަމްސުން ހިފަހައްޓާފައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް މިިދިޔަ އޮކްޓޯބަރު މަހު ވެސް ކަސްޓަމްސް އިން ވަނީ ނައްތާލައިފަ އެވެ.
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު
އެކަކު 100އަށްވުރެ ގިނަ ކާޑުން ބޭރު ގައުމުތަކުގައި ބޭނުންކުރި