ރެއަކީ އަހަރެންގެ ކައިވެންޏަށް ފަސްއަހަރު ފުރުނު އަހަރީ ރެއެވެ. ޒިހުނާ އާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ބަދަލުގައި އަހަރެން އިނީ ހެދިގޮނޑުދޮށުގައި ހުރި އަށްޓެއްގައެވެ. ރޫޅެމުންދިޔަ އަހަރެންގެ ޒަވާޖީ ޙަޔާތާއި މެދު ފޫހިވެފައެވެ. ވާނީވެސް އެހެންތާއެވެ. ނުހަނު ލޯބިން ޒިހުނާ އާއިއެކު ޖެހި ކައިވެނީގެ ގޮށާއެކު ކަންތައްތައް ބަދަލުވެގެން ދިޔައީ އަހަރެން ހީވެސް ނުކުރާހާ ގޮތަކަށެވެ. އެކި އެކި ރެސްޓޯރެންޓް ތަކާއި ރިސޯޓުތަކުގައި ހޭދަކުރަމުންދިޔަ އުފާވެރި ރޭތަކަށް ނިމުމެއް އައެވެ. އަހަންނަށްޓަކައި ނަލަ ހެދުންތައް ލައި ޒީނަތްތެރިވި ޒިހުނާ ކައިވެނީގެ ފަހުން ގިނައިން ފެންނަނީ ޓީޝާޓީއި ހަރުވާޅުގައެވެ. މިބަދަލުތައް އަހަރެންގެ ކެތްތެރިކަމުގެ އިމުން ބޭރުވީ އަހަރުމެންގެ ފުރަތަމަ ދަރިފުޅަށް ޒިހުނާ ބަލިވެ އިނދެ ވިހެއި ފަހުންނެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަނަ ގެއްލި އަނަރޫފަ ވިއެވެ. ދަރިފުޅަށްޓަކައި އޭނާގެ ހުރިހާ ވަޤުތެއް ހުސްކޮށް އޭނާގެ ޙަޔާތުން އަހަރެން ބާކީވި ކަހަލެއެވެ. ދުވަހަކަށްވެރެ ދުވަހެއަ ޒިހުނާ އަހަންނާ ދުރުވެ އަހަރުމެންގެ މެދުގައި އޮންނަންޖެހޭ ދެމަފިރިކަމުގެ ގުޅުން ނެތިދިޔައެވެ.
އެކަހަލަ ޚިޔާލުތަކެއްގައި އިނދެ މެންދަމުން އަލިވެ އެކެއް ޖެހިއިރުވެސް އަހަންނަކަށް ނޭނގުނެވެ. ސައިކަލަށް އަރައި ގެއަށް ދިއުމަށް މިސްރާބުޖެހީ އަހަންނަށްޓަކައި ޒިހުނާ އިންތިޒާރު ކުރާނެ ކަމުގެ ކުޑަވެސް އުއްމީދެއް އޮވެގެންނެއް ނޫނެވެ. އާދައިގެ މަތިން އެރޭވެސް ޒިހުނާ އޮންނާނީ ނިދާފައިކަމަށް ނިންމައިގެންނެވެ. ގޭތެރޭގެ ކަންކަމުން މިންޖުވެ އެރެއަކީ އަހަރުމެންގެ އަހަރީ ރޭކަން ހަނދާންވާނެ ފުރުޞަތެއް ޒިހުނާއަށް ނުލިބޭނެ ކަމަށް އަހަރެން ޔަޤީން ކުރީމެވެ. ގެއަށް އައިސް ހޮޅިބުރި ދިއްލާލުމާއެކު ކާމޭޒުގަތީގައި ބޯއަޅައިގެން ނިދިފައި އޮތް ޒިހުނާއަށް ހޭލެވުނެވެ. ރޭގަނޑުގެ ނާސްތާ މޭޒުމައްޗަށް ތައްޔާރުކޮށްފައި ހުރިއިރު ޕާރުސަލް ކޮށްފައި އޮތް ހަދިޔާއަކާއެކު ކާޑެއް މޭޒުމަތީގައި ބާއްވާފައި އޮތެވެ. ލިބުނު ޙައިރާން ކަމާއެކު އިރުކޮޅަކު އެމަންޒަރަށް ބަލަން އަހަންނަށް ހުރެވުނެވެ. ނާސްތާ ކުރަން ޒިހުނާ ދަޢުވަތު ދިނުމުން އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އަހަރެން އިށީނީ އެރެއަކީ ޙާއްސަ ރެއަކަށް ހަދަން ހިތުލައިގެންނެވެ. ކާއެއްޗެއްސަށް އިންސާފު ކުރަން ފެށިތާ މާގިނައިރުތަކެއް ނުވެ ދަރިފުޅުގެ ރުއިމުގެ އަޑު އިވެން ފެށިއެވެ. އެއާއެކު ދުވެފައި ކަހަލަ ގޮތަކަށް ޒިހުނާ އެކޮޓަރިއާއި ދިމާއަށް ދިޔައެވެ. އައި ރުޅިން ކާން އިން ތަށި ބުރުވާލުމަށްފަހު އަހަރެންވެސް ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ. އެރޭވެސް އެހެން ރޭރެއާއި ވަކި ތަފާތެއް ނުވީތީ ހިތާހިތުން ޝަކުވާ ކުރަމުންނެވެ.
އެރޭވެސް ފާއިތުވެ ދިޔައީއެވެ. ޒިހުނާގެ ފަރާތުން އެއްވެސް ހިތްހަމަޖެހުމެއް އަހަންނަކަށް ނުލިބުނެވެ. ޖެހިގެން އައި ދުވަހު ހޭލެވުނު އިރު އެހެން ދުވެސްތަކާއި ޚިލާފަށް ޒިހުނާ ފެންނާކަށް ނެތެވެ. ގޭތެރޭގެ އެތަންމިތަން ބަލާ ހޯދިއިރުވެސް ދެމައިންގެ ހިލަމެއް ނުވިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ކާމޭޒުމަތީގައި އޮތް ހަދިޔާއާއިއެކު އިތުރަށް އޮތް ނޯޓުކޮޅެކެވެ. ހަދިޔާ އެއްފަރާތަށް ޖައްސާލުމަށްފަހު އަހަރެން ނޯޓުކޮޅު ކިޔާލީމެވެ. އަހަރުމެންގެ ގުޅުމާއި މެދު ވިސްނާލަން ވަގުތުކޮޅެއް ދިނީކަމަށާއި ޖަވާބެއްގެ އިންތިޒާރުގައި ހުންނާނެ ވާހަކަ ޒިހުނާ އޭގައި ލިޔެފައި އޮތެވެ. ކަރުދާސްކޮޅު ބޮނޑިކޮށްލަމުން އަހަންނަށް ލޯއަޅާލެވުނެވެ. ހިތަށް ހަމަޖެހުމުގެ އިޙްސާސެއް ކުރެވުނީ ކީއްވެ ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެއެވެ. ޒިހުނާގެ އެހީއަކާނުލާ އަހަންނަށްވެސް އުޅެވޭނެއޭ ހިތަށް އެރިއެވެ. ކައިރީގައި އޭނާ ހުރިކަމަކު މިއޮއް ހުރިހާ ދުވަހުވެސް އަހަރެން އުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. އެހެންކަމުން މިއަދު އޭނާ ނެތަކަސް އަހަރެންގެ ޙަޔާތަށް މާބޮޑު ބުރުލެއް ނާރާނެކަމަށް އަހަރެން ނިންމީމެވެ. ހިނިއައީ އެކަހަލަ މޮޔަ ކަމެއް އޭނާ ކުރީތީއެވެ. އަހަންނާއި ދުރަށް ގޮސްގެން އޭނާއަށް އެ ޚަރަދުތައް ކުރާނީ ދެވަނަ ކާކު ހެއްޔެވެ؟ މީހެއްގެ އަނތްބެއްކަން އެނގި ހުރެ އެ އަތުގައި ހިފާނީ ކާކުހެއްޔެވެ؟ އެއީ އަޅާލާނެ ޔާރެއް އިޔާރެއް ނެތް އަންހެނެކެވެ. އާއިލާއެއް ނެތް ނިކަމެއްޗެކެވެ. މިއޮއް ހުރިހާ ދުވަހުވެސް އުޅުނީ އަހަރެން ދިނީމާ ކައިގެން ބޮއިގެންނެވެ. ދެންވެސް ނޫޅެވިގެން އަހަރެންގެ ގާތަށް އެނބުރި އަންނާނީ ޒިހުނާއެވެ.
އެގޮތުގައި ދެހަފްތާ ފާއިތުވެ ހިނގައްޖެއެވެ. ކަންތައް ވެގެން ދިޔައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އެދުވަހާ ޖެހެންދެންވެސް ޒިހުނާގެ ޚަބަރެއް އަހަންނަކަށް ނުވިއެވެ. އުޅެނީ ކޮންތާކު ކަމެއްވެސް ނޭނގެއެވެ. ފެންނަ ފެނުމަށް އަހަންނާއި ނުލާ އޭނާ އުޅެމުން ދިޔައީ ވަރަށް ހަމަޖެހިގެންނެވެ. ދެހަފްތާ ވެގެން ދިޔައިރު އަޑެއް ބަޑެއް ނީވޭނީ އެހެންވެތާއެވެ. ނަމަވެސް ޒިހުނާ ދިޔަ ދުވަހުން ފެށިގެން އަހަރެން އުޅެމުން އައީ ދަތި ދިރިއުޅުމެކެވެ. އަހަންނަށްޓަކައި ޒިހުނާ ކޮށްދެމުން އައި ކުދިކުދި ކަންތައް އިޙްސާސްވީ ދެނެވެ. ހެނދުނު ތެދުވާއިރު އޮފީހަށް ދާނެ ގަމީހެއް އިސްތިރިވެފައި ނެތުމުންނެވެ. ބަނޑުހައިވެގެން ގެއަށް އައިސް ވަންނައިރު މޭޒުމައްޗަށް ނާސްތާ ތައްޔާރު ވެފައި ނުހުންނާތީއެވެ. ގޭތެރެ ފަޅުފިލުވައިދިން ދަރިފުޅުގެ ހިލަމެއްވެސް ގޭތެރެއިން ފެންނަން ނެތުމުންނެވެ. ނޭނގިނަމަވެސް އަހަންނަށްޓަކައި ޒިހުނާ ވަމުން އައީ ހާދަ ޤުރުބާނީ އެކެވެ. އެ ހަށިގަނޑުގެ ބައްޓަން ގެއްލުވާލީ އަހަރެންގެ ދަރިއަކު ދުނިޔެއަށް އުފަން ކުރާށެވެ. އަހަންނަށްޓަކައި ޒީނަތްތެރިވުން ހުއްޓާލީ އަހަރެންގެ ގެ ބެލެހެއްޓުމަށްޓަކައެވެ. އެކަންކަމުގެ އަގު ވަޒަން ނުކުރެވުނުތާ އަހަންނަށް އަބަދުވެސް ކުރެވުނީ ޝަކުވާއެވެ. މިއަދު އެ ހުރިހާ ކަމަކުނު ބީވުމުން އޭގެ މުޙިއްމުކަން އަހަންނަށް ވިސްނިއްޖެއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު އަހަރެން ފެންވަރައި ތައްޔާރުވެގެން ގެއިން ނުކުތީމެވެ. މާފިހާރައަކަށް ވަދެ މާބޮނޑިއަކާއި ކާޑެއް ގަތީމެވެ. އަހަރެންގެ އަނބިމީހާ ރުއްސުމަށްޓަކައެވެ. ދެހަފްތާވަންދެން އޭނާ އިންތިޒާރު ކުރަމުން އައި ޖަވާބު ދިނުމަށްޓަކައެވެ. އަހަރެންގެ ގެއިން ބީވެގެންދިޔަ ހިތްހަމަޖެހުން އަނބުރާ ގެނައުމަށްޓަކައެވެ. އާއެކެވެ. އަނތްބެއްގެ މުޙިއްމުކަން މިއަދު އަހަންނަށް ވިސްނިއްޖެއެވެ. ޝަކުވާއަކާނުލާ އަނތްބަކު ފިރިއަކަށް ކޮށްދޭ ޚިދުމަތްތައް މިއަދު އަހަންނަށް އިޙްސާސް ވެއްޖެއެވެ. ކައިވެނީގެ ހަގީގީ މާނަ މިއަދު ދަސްވެއްޖެ އެވެ.