މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނަބަލުން ރ. ދުވާފަރަށް މިއަދު ވަޑައިގެންފި އެވެ.

ޑިސެމްބަރު 10 ގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ދުވާފަރުގައި މިރޭ ބާއްވަން ވަނީ ނިންމާފަ އެވެ.

މީގެ ފަސް ދުވަސް ކުރިން ފެށިގެން އެ ދުވަހާ ގުޅޭ ހާއްސަ ހަރަކާތްތައް އެ ރަށުގައި އަންނަނީ ބާއްވަމުންނެވެ. އޭގެ ތެރޭގައި ތަފާތު މުބާރާތްތަކާއި މަސްވެރިންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމް ހިމެނެއެވެ.

ސަރުކާރުން ދުވާފަރުގައި ހިންގާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ރައީސްގެ ދަތުުރުފުޅުގައި މިއަދު ފަށްޓަވައި ދެއްވާނެ އެވެ. އޭގެ އިތުރުން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް މިއަދު ކުރިއަށް ގެންދާނެ އެވެ.

އޭގެ ތެރޭގައި ދުވާފަރުގެ ބިންހިންކުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމާއި އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދުވާފަރުގައި ގާއިމްކޮށްފައިވާ އޭޓީއެމާއި އެސްޓީއޯ އިން ދުވާފަރުގައި ގާއިމްކުރި ޕެޓްރޯލްޝެޑް ހުޅުވުން އޮންނާނެއެވެ. ދުވާފަރުގައި އާރްޓީއެލް ބަހުގެ ހިދުމަތް ވެސް މިއަދު ފަށަން ވަނީ ތާވަލްކޮށްފަ އެވެ.

ދުވާފަރުގައި ފަށާ މަޝްރޫއުތައް

ދުވާފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު

ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ މަޝްރޫއު

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު

ދުވާފަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް އަލަށް އަޅާ އިމާރާތުގެ މަސައްކަތް

އައުޓްޑޯ ވޮލީކޯޓްގެ މަސައްކަތް

ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް

ދަނާލު އެޅުމުގެ މަސައްކަތް

މި މަސައްކަތްތައް ފަށްޓަވައިދެއްވުމުގެ އިތުރުން ދުވާފަރުގައި ސަރުކާރުން ހިންގާ ބައެއް އާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އޮންނާނެ އެވެ. މިއަދު އެއްބަސްވުމުގައި ސޮއިކުރާ މަޝްރޫއުތަކުގެ ތެރޭގައި ދުވާފަރުގެ ހިއްކި ބިމަށް ބޭނުންވާ ފެނާއި ނަރުދަމާ އެޅުމުގެ އެއްބަސްވުމާއި ދުވާފަރުގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުން ހިމެނެ އެވެ. ދުވާފަރުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރާނެ އެވެ.