ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްސަލާގެ އަޑުއެހުން ފަސްކުރަން އެދި, މަންޑޭ ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލާގެ ހުކުމް އިއްވުން އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.

ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ.

ހުކުމާ ހަމައަށް ގޮސްފައިވާ އެ މައްސަލާގެ މިއަދުގެ އަޑުއެހުމަށް މަންޑޭ ހާޒިރެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން މާތްﷲއަށްޓަކައި ވެސް ފަސްކުރަން" މަންޑޭގެ ފަރާތުން އެދުނު ކަމަށެވެ. އެކަމަކު ޝަރީއަތް އޮންނާނެކަން އޭނާއަށް އެންގުމުން ވެސް ހާޒިރުނުވި ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރަން ޖެހޭ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ އެވެ.

ކޭ ޕާކް މައްސަލާގައި ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރެ އެވެ. އޭގެ ތެރެއިން އޮޅުވާލުމުގެ އެއް ދައުވާ ސާބިތުވާ ކަމަށް މިއަދު ނިންމި އެވެ. އަދި އަދަބު ކަނޑައެޅެންދެން އޭނާ ބަންދުކުރަން އަމުރުކުރި އެވެ.

މިދިޔަ ޖޫން މަހު ވެސް މަންޑޭ ކޯޓަށް ހާޒިރު ނުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި ނަމަވެސް ފަހުން ކޯޓުން އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މައްސަލާގައި މަންޑޭގެ އެޕާޓްމެންޓާއި އޭނާގެ ގޭގައި ހުރި އަގު ބޮޑެތި ސާމާނުތަކެއް ފުލުހުން ހިފެހެއްޓި އެވެ.