ރަސްމާލޭގެ ނަމުގައި ތަރައްގީކުރާ ފުށިދިއްގަރުފަޅު ހިއްކުމަށް ކ. މާފުށި ކައިރިން ވެލި ނެގުމުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، މާފުށީގައި ގެސްޓްހައުސް ވިިޔަފާރިކުރާ މީހުން މުޒާހަރާކޮށްފި އެވެ.

މިއަދު ހަވީރު މުޒާހަރާކޮށްފައި ވަނީ ރަސްމާލެ ހިއްކަން ވެލިނެގުމުގެ މަސައްކަތް ކުރަމުންދިޔަ ޑްރެޖަރު ކައިރީގަ އެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑްރެޖަރެވެ. ކްރިސްޓޮބަލް ކޯލޮން ނަކަމަށް ކިޔާ އެ ޑްރެޖަރަކީ ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ އުޅަނދެކެވެ.

އެ މުޒާހަރާގައި މާފުށީގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ހިންގާ ފަރާތްތަކުން ބައިވެރިވި އެވެ. 20 ލޯންޗާއި 2 ދޯނީގައި ތިބެ މުޒާހަރާގެ ބައިވެރިން އަޑުއުފުލީ އެ ސަރަހައްދުން ވެލިނެގުން ހުއްޓާލުމަށެވެ. މާފުށީގެ ގެސްޓްހައުސްގެ ވިޔަފާރި ކުރިއަށްގެންދިޔުމަށްޓަކައި ވެސް އެ ރަށު ފަޅުގެ ތިމާވެށީގެ ދިރުންތައް ރައްކާތެރިގޮތުގައި ދެމެހެއްޓުން މުހިންމު ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

ވެލި ނެގުމުގެ ސަބަބުން މާލެ އަތޮޅު ދެކުނު ބުރީގެ އެކި ހިސާބުތަކަށް ހުއްޓުމެއްނެތި ކުނޑި ކިސަޑު ދަނީ ފެތުރެމުންނެވެ. ޑްރޯން ވީޑިއޯތަކުންނާއި ސެޓްލައިޓު ފޮޓޯތަކުން އެކަން ކަށަވަރުވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން މާފުއްޓަށް ވަޑައިގަތުމުން ވެސް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނާ ހިއްސާކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ ކޮންޓްރޯލެއް ނެތި ކުނޑި ކިސަޑު ފެތުރެމުން ދިއުމުގެ ސަބަބުން، ވަށައިގެންވާ މުރަކަ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަން ޖެހޭނީ އީއައިއޭގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ކ. އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ މަގުބޫލު ރަށްތައް ކަމަށްވާ ގުޅި، މާފުށި އަދި ގުރައިދޫ އޮންނަނީ ރަސްމާލޭގެ ދެކުނުގަ އެވެ. އެ ސަރަހައްދުގައި ގިނަ ރިސޯޓްތައް ވެސް އޮވެ އެވެ. އެ ސަރަހައްދުން ވެލި ނެގުމުގެ ސަބަބުން ގެސްޓުންގެ މެދުގައި މަގުބޫލު ޑައިވް ސްޕޮޓްތަކާއި ރާޅުތައް އަންނަނީ ހަލާކުވަމުންނެވެ.