ފަތުރުވެރިކަމުގެ ޕީކް ސީޒަން ނިމޭއިރު މާފަރު އެއާޕޯޓަށް ޖައްސާ ޖެޓުގެ އަދަދު 800 އަށް އަރާނެކަމަށް ލަފާކޮށްފި އެވެ.

މާފަރު އެއާޕޯޓު ބޭނުންކުރަން ފެށީއްސުރެ ކޮންމެ އަހަރެއްގެ ޕީކް ސީޒަނާ ދިމާކޮށް އެ އެއާޕޯޓަށް ގިނަ އަދަދެއްގެ ޖެޓު ޖައްސަމުން އަންނައިރު، ފަތުރުވެރިކަމުގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު މިހާރުވެސް 200އަށްވުރެ ގިނަ ޖެޓު ވަނީ މާފަރު އެއާޕޯޓަށް ޖައްސާފަ އެވެ.

މީގެ އިތުރުން އެއާޕޯޓުގައި މަތިންދާބޯޓުތަކަށް އޮންނަ ޕާކިން އޭރިއާ މި އަހަރު ދެގުނައަށް ބޮޑުކޮށްފައިވާއިރު ޖައްސާ ޖެޓުތައް އެހެން އަހަރުތަކަށް ވުރެ ވެސް ވަނީ އިތުރުވެފަ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާފަރު އިންޓަނޭޝަނަލް އެއަޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެޓުތައް ޖައްސަމުން އަންނަ އިރު މިވަގުތު ވެސް 15 ވަނަރަކަށް ޖެޓް ޕާކުކޮށްފައި އެބައޮތް ކަމަށެވެ. އަދި އަންނަ އާދިއްތަ ނުވަތަ ހޯމަ ދުވަހުން ފެށިގެން މާފަރު އެއާޕޯޓަށް ޖައްސާ ޖެޓުތަކުގެ އަދަދު 25 އަށް ވުރެ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުމްތާޒް ވިދާޅުވީ ކުރިން އެއްފަހަރާ 13 ފްލައިޓް ޕާކްކޮށްފައި އޮތްނަމަވެސް މިހާރު އެއަދަދު އިތުރުވެ އެއްފަހަރާ 30 ވަރަކަށް ފްލައިޓަށް ޚިދުމަތް ދެވޭކަމަށެވެ.

މާފަރު އެއާޕޯޓުގެ ޕާކިން އޭރިއާ ބޮޑުކުރުމުން، ރ. އަތޮޅާއި ބ. އަތޮޅުގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ޖެޓުތަކުގައި އަންނަ މަހުޖަނުން ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި މާފަރު އެއާޕޯޓަށް ޖައްސަމުންދެ އެވެ.

މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޖެއްސީ 579 ޕްރައިވެޓް ޖެޓުކަމަށް ވާއިރު މި އަހަރު އެ އަދަދު އިތުރުވަނީ އޭޕްރަންގެ ޖާގަ ބޮޑުކޮށް، ޖެޓުތަކަށް ޕާކު ކުރެވޭނެ ޖާގަ އިތުރު ކުރުމުން ކަމަށް މުމްތާޒް ވިދާޅުވި އެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުން އިތުރުވާއިރު ގިނަ އަދަދެއްގެ ޖެޓުތައް ކޮންމެ އަހަރަކުވެސް ރާއްޖެ އާދެއެވެ. މިވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ޖެޓުތައް ވަނީ ޕާކުކޮށްފަ އެވެ.

2019 ވަނަ އަހަރު މާފަރުއެއާޕޯޓު ހުޅުވި ފަހުން އެކި މަރުހަލާތަކުގެ މަތިން، އެއާޕޯޓު ބޮޑުކޮށްފައިވެއެވެ. އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ސަރަޙައްދު ތަރައްޤީކޮށް ދާދިފަހުން ވަނީ ހުޅުވާފަ އެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްއިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ.

މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ އެއަރލައިންތަކަށް ހިދުމަތްދެމުން ދާ އެއާޕޯޓެވެ.