އިއްޔެގެ ވަގުތެއްގައި ސިވިލް ސާވިސް ކޮމިޝަނުން ގަވައިދު އިސްލާހުކޮށް އާއްމު ކުރިއިރު، އަންހެން މުވައްޒަފުންނަށް ހަރުކަށި ގަވައިދުތަކެއް ވަނީ މުޅިން އަލަށް ހިމަނާފަ އެވެ.
އަންހެން މުވައްޒަފުން ހެދުން އަޅަންވީ ގޮތާއި އިސްތަށިގަނޑުގައި ހުންނަންވީ ކުލަވެސް ވަނީ ގަވައިދުގައި ކަނޑައަޅާފަ އެވެ.
ސިވިލް ސާވިސްގެ ގަވާއިދު ފުރަތަމަ އެކުލަވާލިއިރު އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފައެއް ނުވެ އެވެ. އެކަމަކު ގަވާއިދު މިހާރު އިސްލާހުކޮށްފައި އޮތްއިރު ވަރަށް ތަފްސީލުކޮށް ހެދުން އަޅަން ޖެހޭ ގޮތް ވަނީ ބަޔާން ކުރުމާއެކު މަޖުބޫރުކޮށްފަ އެވެ.
އެ ގޮތުން އަންހެން މުވައްޒަފުން ލާ ހެދުން ހުންނަން ޖެހެނީ ބުޑުގެ ތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށް ވުރެ ހެދުން ކުރު ނުވާ ވަރަށެވެ. އަންހެނުން ލާ ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާން ޖެހެ އެވެ. ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވެސް ވާން ޖެހެ އެވެ.
އަންހެން މުވައްޒަފުންގެ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓްގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ، ފަޅައިފައި ހުންނަބައި ހުންނަން ޖެހެނީ މައްޗަށް އަތް ދަމާލީމަ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށެވެ.
މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލައެއް ޖައްސައި ޝޭޑުކޮށް ހައިލައިޓް ކުރުން ވެސް މަނަލެވެ. ފިރިހެން މުވައްޒަފުންނަށް ވެސް އޮތީ ބޮލުގައި ކުލަ ޖެއްސުމާއި ހުޅިޖެހުން އަދި މޭކަޕް ކުރުމާއި ގަހަނާ އެޅުން ފަދަ ކަންކަން މަނާކޮށްފަ އެވެ. މީގެ އިތުރުން އަޅާ ކަމަރާއި ލާ ގަމީހުގެ މިންގަނޑުތަކެއް ވެސް ހިމަނާފައިވާ ކަން ފާހަގަކުރެ ވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ވަކި ޖިންސަކަށް ހާއްސަކޮށް މިފަދަ ގަވައިދުތަކެއް ހެދުމަކީ އާއްމު ރައްޔިތު މީހާގެ ހައްގުތައް ހަނިކޮށް ޒާތީ ކަންކަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މީ އަންހެނުން މުޖުތަމައުން އެއްފަރާތް ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ޝާހިދު ވިދާޅުވީ ހަރުދަނާ ނަތީޖާއެއް ނުދެއްކި މިފަދަ ޓެކްނިކްތައް ބޭނުން ކޮށްގެން ސަރުކާރުން ރައްޔިތުންގެ ވިސްނުމާއި ކުޅެމުންދާ ކަމަށެވެ.
އެމްޑީޕީގެ އަންހެނުންގެ ވިއްގުގެ ރައީސް ކުރީގެ މަޖިލިސް މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ ސިވިލް ސާވިސްގެ އަންހެން މުވައްޒަފުންގެ ބޮލުގައި ކުލަ ނުޖެއްސޭ ގޮތަށް ހެދިއިރު، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުނަށް އެކަން ހުއްދަ ކަމަށެވެ. އަދި ބޮލުގައި ކުލަ ޖެއްސުމަކީ މައްސަލައަކަށް ވަނީ ކީއްވެތޯ އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ.
މީގެ އިތުރުން ވެސް ވަރަށް ގިނަ ބަޔަކު ދަނީ ރައްޔިތުން ހެދުން އަޅަންވީ ގޮތް ރައީސުލްޖުމްހޫރިއްޔާ ކިޔައިދޭން ނުޖެހޭނެ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ މަސައްކަތުގެ މާހައުލުގައި ޕްރޮފެޝަނަލްކޮށް ހެދުން އެޅުމަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް މިހާ ހަރުކަށިކޮށް ޑްރެސް ކޯޑެއް ހެދުމަކީ 21 ވަނަ ގަރުނާ ނުގުޅޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ހެދުން ހުންނަން ޖެހޭ ފޭރާމަށް ދަންދެން ކަނޑައެޅުން މީ ބޮޑުވަރު ކަމަށެވެ.
ހަގީގަތުގައި ވަޒީފާގެ މާހައުލުގައި މުވައްޒަފު ސަމާލުކަން ދޭންވީ ކަންކަމަކީ ވަޒީފާގެ އެގްރީމެންޓް ނުވަތަ ބަޔާނުގައި ހިމަނާލައިގެން ނިންމާލެވިދާނެ ކަންކަމެވެ. ނަމަވެސް އޭގެ ބަދަލުގައި ބޮޑެތި ގަވައިދުތައް ހަދައި އާއްމުކޮށް ރައްޔިތުން ކޮންޓްރޯލް ކުރުމުގެ ވިސްނުން ދެއްކުމަކީ މިޒަމާނާއި ބީރައްޓެހި ކަންކަމެވެ.
މި މަސް ތެރޭގައި 96 މަސާޖުޕާލާއެއް ބަންދުކޮށްފި: ރައީސް
މީޑިއާތަކަށް ފައިސާ ދޭން ނިންމި ގޮތުން ފާޑުކިޔަނީ