އަލުން ތަރައްގީކޮށް އޮޕަރޭޓު ކުރަންފެށި ހަނިމާދޫ އެއާޕޯޓު ހިންގައިދިނުމަށް ދިވެހި ސަރުކާރުން އިންޑިއާގައި އެދިފައިވާތީ، އެކަމާއި ގުޅޭ ދިރާސާއެއް ކުރަމުންދާކަމަށް އިންޑިއާގެ 'ދަ ހިންދޫ' ނޫހުން ރިޕޯޓުކޮށްފި އެވެ.

އެ ނޫހުން މިދިޔަ ޑިސެމްބަރ 31 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކުރުމަށްފަހު، އެ ކުންފުންޏާއެކު ވީ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލުކޮށް ފޮނުވާލިތާ ދިހަ އަހަރު ފަހުން، ރާއްޖޭގެ އެއާޕޯޓް ހިންގުމާ ހަވާލުވުމަށް ރާއްޖެއިން އެދިފައިވާ އެދުމާ މެދު އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) އިން ދިރާސާކުރަން ފަށައިފައިވާ ކަމަށެވެ.

އޭއޭއައިގެ ދިރާސާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެއާޕޯޓްތަކުގެ އޮޕަރޭޝަންތައް ހިންގުމުގައާއި މެނޭޖްކުރުމުގައި އިންޑިއާއަށް އަދާކުރެވިދާނެ ދައުރަކީ ކޮބައިތޯ ބެލުން ކަމަށާއި މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އަލުން ބަދަހިވަމުންދާ ދަނޑިވަޅެއްގައި ފެށިގެންދިޔަ މަސައްކަތެއްކަމަށް ދަ ހިންދޫ ނޫހުގައި ބުނެފައި ވެ އެވެ.

ހަނިމާދޫ އެއާޕޯޓު ހިންގައި ދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާގައި އެދުނީ، 9 ނޮވެމްބަރ 2025 ގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށްފަހު، ސީދާ ރައީސް މުހައްމަދު މުއިއްޒު ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ.ރާމް މޯހަން ނައިޑުގެ އަރިހުގަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަރަށް ބޮޑަށް އިންޑިއާ އާއި ދެކޮޅު 'އިންޑިއާ އައުޓް' ކެމްޕޭން ކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ފަހުން ވަނީ އިންޑިއާ އާ ގާތް ގުޅުމެއް ބާއްވަން ފައްޓަވާފަ އެވެ. ނަމަވެސް ކުރީގެ އެމްޑީޕީ ސަރުކާރުގައި ހަނިމާދޫގައި އިންޑިއާ ސިފައިން ބައިތިއްބާ ކަމަށާއި ހަދާފައިވާ އެއްބަސްވުންތައް ހާމަ ނުކުރާ ކަމަށް ބުނެ އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ވަރަށް ބޮޑަށް ވަނީ ފާޑުކިޔާފަ އެވެ.