ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން އުޅޭ ވާހަކަ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދޮގުކުރައްވައިފި އެވެ.

ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ހަނިމާދޫ އެއާޕޯޓް ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރަން ދިވެހި ސަރުކާރުން ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ހަފުތާ ތެރޭ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި) ގައި ވަނީ އެދިފަ އެވެ.

ނަމަވެސް އެވާހަކަ ޓްރާންސްޕޯޓް މިނިސްޓަރު ދޮގުކުރެއްވި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީން ވިދާޅުވީ ބައިނަލްއަގުވާމީ އަދި އެތެރޭގެ އެއާޕޯޓުތައް ހިމެނޭހެން ރާއްޖޭގައި ހިންގާ ހުރިހާ އެއާޕޯޓެއް ހިންގާނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ދިވެހި އޮޕަރޭޓަރުން ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ އެއާޕޯޓުތައް ހިންގުން ދިވެހިންގެ އަތް މަތީ ބޭއްވުން،" އަމީން ވިދާޅުވި އެވެ.

ދަ ހިންދޫގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހިންގާނެ އިންޑިއާ ކުންފުންޏެއް ހޯދަން އެދިވަޑައިގަތީ ސީދާ ރައީސް މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު އެކަން ހުށަހެޅުއްވީ ހަނިމާދޫ އާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި އެ ގައުމުގެ ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު އަށް ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.