އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ނަމުގައި އާ ފައިނޭންސިންގ ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފި އެވެ.
މި ފައިނޭންސިންގެ މަގުސަދަކީ މިހާރުވެސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން، ވިޔާފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށް އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުކުރުމަށް އައު އައުޓްލެޓްތައް ހުޅުވުމަށްވެސް މި ފައިނޭންސިންގ ބޭނުން ކުރެވިދާނެ އެވެ.
މި ފައިނޭންސިންގެ ދަށުން އެއްވެސް ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ. ވިޔަފާރިތަކަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
"މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ތަރައްގީކޮށް، ކުރިއަށް އޮތް މަރުހަލާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ. މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އައު މާކެޓްތަކަށް ވަނުމަށާއި އަދި އައު އައުޓްލެޓްތައް ހުޅުވައި ވިޔަފާރީގެ ކުރިމަގު އުޖާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. އަދި މީގެ ހެޔޮ އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށް ލަފާކުރެވޭ"
މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.
ޖުވާ ކުޅޭ މީހުން ޖަލަށް ލެވޭގޮތް ހަދަން އިސްލާހެއް
ސިނގިރޭޓް ވައްކަމުގެ ފައިސާ ހަރަދުކުރީ ޖުވާ ކުޅެން: ނާޒިމް
ރަފާހް ބޯޑަރަށް އެންޖެލީނާގެ ޒިއާރަތެއް!
