މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވެއްޓިވަޑައިގެން އުކުޅުވަޅުން ބިނދި ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.

އުމުރުފުޅުން 100 އަހަރުގެ މަހާތިރު ވެއްޓިވަޑައިގަތީ ގޭތެރެއަށް ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ ބުނެފަ އެވެ.

މިވަގުތު ފަރުވާދެމުން ދަނީ ކުއަލަލަމްޕޫރުގެ ނެޝަނަލް ހާޓް އިންސްޓިޓިއުޓުގައި ކަމަށާއި ކުރިއަށް އޮތް ދެތިން ހަފްތާގައި ހޮސްޕިޓަލްގައި ޢެޑްމިޓްކޮށްގެން ފަރުވާ ކުރިއަށް ގެންދާނެކަމަށް ބެލެވޭ ކަމަށްވެސް މަހާތިރުގެ އޮފީހުން ވަނީ ބުނެފަ އެވެ.

މަހާތިރަކީ ހިތުގެ އާލާސްކަންފުޅުގެ ސަބަބުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ހިތުގެ ބައިޕާސް ސާޖަރީތައް ވެސް ހައްދަވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން 100 އަހަރު ފުރިގެން ބޭއްވި އުފަން ދުވަހުގެ ހަފްލާގައި އެނބުރުން އެރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް މަހާތިރު އަށް ފަރުވާދީފައިވެ އެވެ.

ދެފަހަރު މަތިން 24 އަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވުމާއެކު މަހާތީރަކީ މެލޭޝިޔާގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ. މެލޭޝިއާ ތަރައްގީ ކުރެއްވުމުގައި މަހާތިރު މުހިއްމު މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.