އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދެއްވައިފި އެވެ.

ސްކޫލުތަކަށް ފޮތްތައް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގައި ފަށާފައިވާއިރު، ރަށްތަކަށް ފޮތްތައް ފޮނުވަނީ، ސްކޫލުތަކަށް ދަރިވަރުން ވައްދާ އަދަދަށް ބަލައިގެން ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

ދައުލަތުގެ މީޑިއާއަށް އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ވިދާޅުވީ ސްކޫލުތަކަށް ފޮނުވާ ފޮތްތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިން އަރަބިއްޔާ ސްކޫލުގައި ކުރިނަމަވެސް، ފޮތްތައް މިހާރު ވަނީ އަމީނިއްޔާ ސްކޫލަށް ބަދަލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޖާގައިގެ ގޮތުން ގޮންޖެހުންތައް އެބަހުރި ކަމަށާއި އަދި އޭގެ އިތުރުން، ބޮޑުތަކުރުފާނު މަގު ފުޅާކޮށް، މާރުކޭޓު ސަރަހައްދުގައި މަސައްކަތްތައް ކުރާތީ، ބޯޓުތަކަށް ފޮތްތައް ފޯރުކޮށްދިނުމުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެން ނަމަވެސް މި ގޮންޖެހުންތަކާ އެކު ވެސް ސްކޫލުތައް ހުޅުވުމުގެ ކުރިން، ފޮތްތައް ހަވާލުކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭގެ ގިނަ ސްކޫލުތަކެއްގައި ފޮތްތައް ބެހުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާއިރު، 60 އިންސައްތަ ރަށްތަކަށް ވެސް މިހާރު ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ފޮނުވާފަ އެވެ.

ސްކޫލުތައް ހުޅުވުމުގެ ކުރިން ފޮތްތައް ފޮނުވޭނެކަމުގެ ޔަގީންކަން ދިންއިރު، މީގެ ކުރިން ވެސް ސުކޫލުތަކުގެ ކިޔެވުން ފެށޭއިރު، ފޮތްތައް ހަމަނުވުމުގެ މައްސަލަ ދިމާވެފައިވެ އެވެ.

މި ދުވަސްވަރު ދަރިވަރުން މިހާރު ތިބީ، ބޮޑު ޗުއްޓީގަ އެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ، މި މަހު 27 ގައި ކަމަށްވާއިރު، ޓީޗަރުން މި މަހު 25ގައި ސްކޫލުތަކަށް ނުކުންނާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރި އެވެ.