ބަޣުދާދު (25 އޭޕްރީލް) - އިރާގުގެ ވެރިރަށް ބަޣުދާދުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ ގައުމުގެ ސިއްހީ ވަޒީރު ސަސްޕެންޑް ކޮށްފި އެވެ.

އާދީއްތަ ދުވަހު ބަޣުދާދުގެ ކޮވިޑް ހޮސްޕިޓަލެއްގެ އޮކްސިޖަން ޓޭންކެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާއެއްގައި 82 މީހުން މަރުވެ، 110 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އިރާގުގެ އިންޓީރިއާ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި އަލިފާނުގެ ހާދިސާގެ ތަހުގީގުގެ ދެފުށް ފެންނަކަށް ޔަގީން ކުރުމަށްޓަކައި އެ ގައުމުގެ ބޮޑުވަޒީރު ވަނީ ހެލްތް މިނިސްޓަރު މުއްދަތެއް ނެތް ގޮތަށް ގޭގައި ހުންނެވުމަށް އަންގަވާފަ އެވެ. -- އަލްއަރަބިއްޔާ