ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އެކަކު އަނެކަކަށް ވަގަށް ގޮވައިފި އެވެ. މަޖިލީހުގެ ތަޅުމުގައި ދެބަސްވުން އުފެދި މަސްރަޙު ހޫނުވީ އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭގޮތުން ރިޔާސަތުން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ބެލޭނެ ކަމަށާއި އެ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ވެސް ގެއްލިދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު، އިބްރާހީމް ޝަރީފު، އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުތައް ކުރައްވާ ކަމަށް ވިދާޅުވެ، އެކަމުގައި ނަޝީދަށް ރައްދު ދެއްވުމުން، ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ކަމަށް ވަންޏާ އެމްއެމްޕީއާރުސީ މައްސަލަ ނުބަލައި ދޫކޮށްލިޔަ ނުދެއްވާނެ ކަމަށެވެ.
ތަޅުމުގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބާ އެކު އެއްވެސް ޑީލެއް ހަދާފައި ނުވާނެ ކަމަށާއި ޑީލެއް ހެދި ނަމަ ހެއްދެވީ އެމްޑީޕީގެ ރައީސް، އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެފަ އެވެ. އަދި ތަކުރާރުކޮށް އެމްޑީޕީގެ މެމްބަރުން އޭނާއަށް ވަގަށް ގޮވަމުންދާ ކަމަށާއި ޚާއްސަކޮށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އޭނާއަށް ވަގަށް ގޮވަމުންދާތީ އެކަން ސާފުކޮށްދޭން ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ "ބިއްލޫރި ގޭގޭގައި ތިބޭ މީހުން ހެދުން ބާލަން ވާނީ، ބޮކި ނިއްވާފައި،" ކަމަށެވެ.
"އަޅުގަނޑު އަދީބަކާ އެކު ޑީލެއް ނަހަދަން. ވަރަށް ކެރިގެން މި ދަންނަވަނީ، އަޅުގަނޑު މި މަޖިލީހުގައި ދިން ވޯޓެއްދީފައި އޮތީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން. ޑީލު ހެއްދެވީ މަނިކުފާނު،" ޝަރީފް ވިދާޅުވި އެވެ.
އެ ވާހަކައަށް ރައްދުދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޝަރީފްއާ އެކަމާ ގުޅިގެން އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެ ކަމަށާއި މަރަދޫ ދާއިރާގެ މެމްބަރު އަމިއްލަފުޅަށް ކުރެއްވި ކަމެއްގެ ތެރޭގައި އެހެން ބޭފުޅުން ހިމެނުވުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
މިވާހަކަތަކާގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މަރަދޫ ދާއިރާގެ މެމްބަރު ރިޔާސަތުގެ އިސްތަށިފުޅުގައި އެޅުވި ވާހަކަތައް ތަހުގީގުކުރެވެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިސަރުކާރު ވެރިކަމަށް އަންނަން ވި އެންމެ ބޮޑު ވައުދަކީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ހިންގާ އިންސާފު ހޯދުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރަން ބޭނުން ނަމަ ފުލުސް އޮފީހަށް ވެސް މެމްބަރަށް ހުށައެޅޭނެ ކަމަށާއި ކޮމިޓީއަށް ވެސް ހުށަހެޅޭނެ ކަމަށެވެ. އަދި އެއީ ނުކޮށް ތިބެންވާވަރުގެ ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ތެދުވެވަޑައިގެން ވިދާޅުވީ މިދިޔަ މަޖިލީހުގައި އޭނާ ކުރެއްވި ކަމެއް ކުރައްވާފައި ވާނީ ޕާޓީގެ ލީޑަޝިޕުން އެންގެވި ގޮތަކަށް ކަމަށެވެ. އަދި އަދީބުއާއެކު އެއްވެސް ޑީލެއް ހަދާފައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ވިޕްތަކާ ހިލާފުވެގެން މެމްބަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި ޕާޓީގެ ނިންމުމެއްގެ ބޭރުން ކަމެއް ކުރެއްވި ނަމަ އޭނާ އަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އޭނާއަށް ފިޔަވަޅެއް އަޅާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ރިޔާސަތުން ޝަރީފަށް ރައްދު ދެއްވީ ހަރުބަހަކުންނެވެ. ނަޝީދު ވިދާޅުވީ މިސްކިތު ހުޅުޖެހި މީހާއަށް ވީގޮތް އެއީ ދިވެހި ހަރުބަހެއް ކަމަށެވެ.
ރިޔާސަތަށް ރައްދުދެއްވަމުން ޝަރީފް އެދިވަޑައިގަތީ ރައީސް ނަޝީދު ވިދާޅުވި ގޮތަކަށް ނޫން ގޮތަކަށް 18 ވަނަ މަޖިލީހުގައި އޭނާ ދިން ވޯޓެއް ދެއްކެވުމަށެވެ.
"އެހެންވީމަ އެއްވެސް ހައްގަކާ ނުލާ އަޅުގަނޑުމެންނާ ދިމާލަށް މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ލައްވާ އެއްޗެތި ގޮވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް ހަގީގަތް ހާމަވާން ޖެހޭނެ. އެމްޑީޕީން އޭރު ވޯޓު ދިނީ މަނިކުފާނު ބަންދުގައި ހުރީމާ، ބަންދުން ސަލާމަތްކުރަން ދިން ވޯޓު. އަޅުގަނޑުމެން ގާތުގައި މިވެނި ކަމެއް މިވެނި ގޮތަކަށް ކުރާށޭ ބުނީމާ ކުރީ. އަޅުގަނޑުމެން އަމިއްލައަށް ވޯޓެއް ދީފައި އޮތް ނަމަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހަޅައިގެން އެ މައްސަލަ ނިމިފައި އޮތީހީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކައިގައި ވަނީ ބިލެތްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމްގެ ނަން ފާހަގަކޮށް ތަކުރާރުކޮށް އޭނާއާ ދިމާލަށް ތަކުރާރުކޮށް ވަގަށް ގޮވަމުންދާ ކަމަށެވެ.
ޝަރީފްގެ ވާހަކަތަކާ ގުޅިގެން ދޮންބިލެތް ވިދާޅުވީ އެމްއެމްޕީއާރްސީ ވައްކަމަކީ ޕީޕީއެމް އިން އެކަނި ކުރި ވައްކަމެއް ނޫން ކަމަށެވެ. އެމްއެމްޕީއާރްސީ ވައްކަމުގައި ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ބައިވެރިވެފައިވާ ކަމަށް ވެސް ދޮންބިލެތް ހަލީމް ވިދާޅުވި އެވެ.
"އެމްއެމްޕީއާރްސީ ވައްކަމަކީ ހަމައެކަނި ޕީޕީއެމް އިން ކުރި ވައްކަމެއް ނޫން. އޭގެތެރޭގައި 18 ވަނަ ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެވައްކަމުގައި ސާފުކޮށް ބައިވެރިވި. ހާއްސަކޮށް މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަކީ ވައްކަމުގައި އިންތިހާއަށް ބައިވެރިވެފައިވާ ފަރާތެއް. އެއީ މިދައުރަކު ނޫން. ހުރިހާ އިރެއްގައި ވެސް ވައްކަމުގައި އުޅުއްވާ ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ކުރީ ސަރުކާރާއި މިސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އެހާރާއި މިހާރުގެ މަޖިލިސް މެންބަރުންވެސް ހިމެނޭކަމަށާއި، ނަމަވެސް އެ މައްސަލަ ނުބެލި ދިގުލައިގެންދާތީ، އަވަސްކޮށްދެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވަނީ މަޖިލީހުގެ ރައީސްއަށް މިދިޔަ މަހު ސިޓީއެއް ފޮނުވާފަ އެވެ.
އެސިޓީއާއި ގުޅިގެން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިގެން މާ އެދެވޭ ނަތީޖާއެއް ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ތަހުގީގްކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އަދި ފުލުހުންނަށް އިއްޔެ ފޮނުވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.