އިސްލާމް މާއްދާ ދިވެހިން ކިޔަވައިދީގެން ކުދިންގެ މެދުގައި ދީނީ ލޯބި އުފެދޭ ތަނެއް މިހާރު ނުފެންނަ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިބަސް ކުރިއެރުވުމުގެ މުހިންމު ބޭނުމަށްޓަކައި އަލަށް އުނގެނެން ފަށާ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެކުދިން ބޮޑުވަމުން އަންނައިރު ދީން ދެކެ ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެ ކަމެއް ކަމަށެވެ. އަދި އެއީ މާދަރީބަސް ކުރިއެރުވުމުގެ ބޭނުމުގައި ކުރެވިދާނެ އަދި ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މިއަދު އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލިވުން އަދި މުއާސަލާތު ކުރުމުގައި އަދި ވިސްނުމުގައި ވެސް ބޭނުންކުރަނީ އިނގިރޭސިބަސްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިފަދަ ހާލަތަކަށް ދިޔައީ އިންޓަނެޓުގެ ޒަރިއްޔާއިން މުޅި ދުނިޔެ ބަވަނަވެ ގުޅިލާމެހުމުގެ ސަބަބުން ކަމަށެވެ.
ބޮޑެތި އާބާދީތަކުން ވާހަކަ ދައްކާ ބަސްތައް ފިޔަވައި އެހެން ހުރިހާ ބަހަކަށް އޮތް ގޮންޖެހުންތައް ބޮޑު ކަމަށާއި އެއީ ވަކި ދިވެހި ބަހަށް އެކަނި އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
" ދިވެހި ބަސް ސަލާމަތްކޮށް ދިރުވާ އާލާކުރުން ވަރަށް މުހިންމު. އެއަށްވުރެެ އަދި މުހިންމީ އަޅުގަނޑުމެންގެ ދަރިން އަދި މި ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާނުންގެ ހިތުތެރޭ އިމާންތެރިކަން ކަށަވަރުކުރެވި، ކީރިތި ރަސޫލާގެ މިސާލުން ދިރިއުޅޭ މުޖުތަމައުއެއް ކަށަވަރުކުރުން. މިއަދުގެ ހާލަތުގައި އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވާދީގެން އެކަން ވާތަނެއް ނުފެނޭ." ފައްޔާޒު ލިޔުއްވާފައިވެ އެވެ.
ފައްޔާޒު ވިދާޅުވީ ކުދިންގެ ކިބައިގައި އިސްލާމް ދީނަށް އޮންނަންވީ ލޯތްބާއި އިހުތިރާމު ކުޑަވުމާއި ގެއްލުމުގެ ބިރު މިއަދު ވަރަށް ބޮޑު ކަމަށެވެ.
އެކަމުގެ ހައްލެއްގެ ގޮތުން ފައްޔާޒު ވިދާޅުވީ އިސްލާމީ އަގީދާއާއި މުސްލިމަކަށްވުމުގެ ޒިންމާ ފަހުމުވާނޭ އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލުން ކަމަށެވެ. އޭގެ ތެރެއިން މާއްދާ ކިޔަވަދޭނެ ބަސް އެއީ ހަމަ ކުޑަކުޑަ ތަންކޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އުރުދޫ ބަހުންވިޔަސް ޗައިނާ ބަހުންވިޔަސް ކުދިންނަށް ފަހުމުވާ ގޮތަކަށް ކިޔަވަދޭންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ބަސް ކުރިއެރުވޭނީ އިސްލާމް މަައްދާ އަދި ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވަދީގެން ނޫންކަމަށާއި، ކުރަންވީ ކަމަކީ ލިޔުންތެރިންނަށް ފަހި ވަރުގަދަ މާހައުލެއް ގާއިމުކުރަންވީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ދިވެހި އަދަބީ އުފެއްދުންތަކަށް ރަނގަޅު ފުރުސަތުތަކެއް އުފައްދައިދީ އާމްދަނީ ލިބެނޭ މަގު ތަނަވަސް ކޮށްދޭންވީން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ޖީލުގެ ތުއްތު ކުދިން އަދި ޅަ ޒުވާނުން ގަޔާވާފަދަ ފިލްމް، ގޭމު، ފޮތް ފަދަ ތަކެތި ދިވެހި ބަހުން އުފެއްދޭނެ މާހައުލެއް ގާއިމުކުރަންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ އެއް ސަބަބެއް ކަމަށް އޭނާއަށް ފެންނަނީ އިސްލާމް މާއްދާ ކިޔަވައިދޭ ގޮތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ކަރިކިއުލަމްގެ މައްސަލަތަކުގެ އިތުރުން ކުދިންނަށް ފަހުމުނުވުމަކީ އަނެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައަކީ ރުޅިވެރިކަމެއްނެތި މުޅި މުޖުތަމައު ބަހުސްކޮށް ރަނގަޅު ގޮތެއް ހޯދޭތޯ އުޅެން މުހިއްމު މައްސަލައެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކޮށްފި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފަށަނީ
16 ނޮމިނޭޝަންއާއެކު "ސިނާސް،އަށް އޮސްކާގެ ރެކޯޑެއް!