ދިރިއުޅޭނޭ އެއްވެސް ގެއެއް ނުވަތަ ގޯއްޗެއް ނެތް މީހުން ނޫނީ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ޝަރުތު ހަމަނުވާނެ ކަމަށް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ސަރުކާރުން އިއުލާނުކޮށްފައިވާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތު ކަނޑައަޅާފައިވާ ގޮތާ މެދު އާންމުންގެ މެދުގައި ހުރި ބައެއް ކަންބޮޑުވުންތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވި މިއީ ރަނގަޅު ޖަވާބެކެވެ.

އަނބިމީހާ ނުވަތަ ފިރިމީހާއަށް އެއްވެސް ބޯހިޔާވަހިކަމެއް އޮތުމުން މި ޕްރޮގްރާމަށް ޝަރުތު ހަމަނުވާއިރު ބޯހިޔާވަހިކަމެއް އޮތުން އުސޫލުގައި މާނަކޮށްފައިވާ ގޮތާ މެދު މިފަހަރު ޝަކުވާ ގިނަ އެވެ.

އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާ "ލިންކްޑްއިން" ގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ އެއްވެސް ގެއެއް ނުވަތަ ގޯއްޗެއް ނެތް މީހުން ނޫނީ އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަށް ޝަރުތު ހަމަނުވާނެ ކަމަށް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި އަދި ކޮންމެހެން ވެސް އެކަން އޮންނަން ވެސް ޖެހޭ ގޮތް ކަމަށެވެ.

އެ ޕްރޮގްރާމްގެ ބޭނުމަކީ ބިންގަލެއް އަޅައިދިނުން ކަމަށާއި އެއީ ހަރުމުދާ ގިނަ ކުރުމުގެ ފުރުސަތެއް ނޫން ކަމަށް ވުމީ އުސޫލު އެގޮތަށް އޮންނަން ޖެހޭ ފުރަތަމަ ސަބަބުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އާއްމު ގެދޮރުވެރިކަމުގެ ސިޔާސަަތު އޮތީ އެންމެ ސަބަބަކަށްޓަކައި. އެއީ އަބުރުވެރިކަމާއި ހަމަޖެހުމަށް ބޭނުންވާ އަަސާސީ ބިންގާ އެޅިފައި ނުވާ އެއްވެސް އާއިލާއެއް ނުބޭއްވުން،" ޕޯސްޓްގައި މުއްތަލިބު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަކީ ބޯނަހެއް ނޫން ކަމަށާއި އެއީ ތައުލީމާއި ވަޒީފާ ފަދަ އެންމެހާ ކަންކަމެއްގެ ފަށާ ހިސާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބު ލިއުއްވާފައިވާ ގޮތުގައި ބޯހިޔާވަހިކަމަށް ޑިމާންޑް އުފެދެނީ ވަކިވަކި މީހުންގެ ފަރާތަކުން ނޫނެވެ. ނަމަވެސް އެ ޑިމާންޑް އުފެދެނީ އާއިލާތަކަކުން ކަމަށާއި އާމްދަނީ އާއި ޒިންމާ އާއި ރިސްކްތައް ވެސް ހިއްސާކުރަނީ އާއިލާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭބިސީއެއްގެ ގޮތުގައި، ވަންނާނެ ކޮންމެވެސް ގެއެއް ނުވަތަ ބިންކޮޅެއް އޮތް ބަޔަކަށް، އެފަދަ އެއްވެސް ގޮތެއް ނެތް ބަޔަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހަދާ ހައުސިން ޔުނިޓެއް ދީފި ނަމަ ހަމަހަމަކަން ގާއިމްވުމުގެ ބަދަލުގައި ނަހަމަކަން ވާނީ ބޮޑު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.