ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯސަލަކީ ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ އަދި އޭގެ ސަބަބުން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމެއް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިއަދު ބުނެފި އެވެ.

ޕެންޝަން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވަނީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "ޑުއަލް ކަރަންސީ" ޓްރެޒަރީ ބޮންޑެއްގައި 2.4 ބިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ކަމަށެވެ.

އެ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ނިންމާފައިވަނީ، މިހާތަނަށް ޕެންޝަން ސްކީމުން އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

މި އިންވެސްޓްމަންޓާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުންތައް ނިންމުމުގައި މައިގަނޑު ގޮތެއްގައި ރިއާޔަތްކޮށްފައިވަނީ، ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކާލުމުގައި ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެކަން ކަށަވަރު ކުރުމަށް ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މިއީ ޕެންޝަން ފަންޑުގެ ދުރުރާސްތާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް، އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް ފަންޑުގެ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

މި މުއާމަލާތުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެން ދިއުން ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ. މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ޕޯޓްފޯލިއޯގެ އެވަރެޖް ޑިއުރޭޝަން ދިގުވެ، ލިބޭ ފައިދާ އިތުރުވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ މުއާމަލާތުގެ ސަބަބުން ގެއްލުންތަކެއް ވާނެކަން ފާހަގަކޮށް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަން އަހްމަދު އިނާޒާއި އެ ބޯޑުގެ ބައެއް މެންބަރުން ވަނީ އިސްތިއުފާދެއްވާފަ އެވެ.