ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޮވާލައްވައިފި އެވެ.
އިންފަންޓީނޯ ވިދާޅުވީ ރަޝިޔާއަށް އިއްވި ހަތަރު އަހަރުގެ ސަސްޕެންޝަނުގެ ގެ ސަބަބުން ހާސިލުވި އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި އުފެދިގެން ދިޔައީ މީހުންގެ ނަފުރަތާއި ރުޅިވެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނަށް ރަޝިޔާއިން އަރައިގަތުމާ ގުޅިގެން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފީފާ އާއި ޔޫއެފާގެ މުބާރާތްތަކުން ރަޝިޔާގެ ކްލަބްތަކާއި ގައުމީ ޓީމު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ސްކައި ސްޕޯޓްސްއަށް ދެއްވި އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، ރަޝިޔާއަށް އިއްވި ބޭންގެ ސަބަބުން އެއްވެސް ކަމެއް ހާސިލު ނުވެ އޭގެ ބަދަލުގައި އުފެދުނީ އިތުރު މާޔޫސްކަމާއި ނަފްރަތު ކަމަށެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވީ ސިޔާސީ ލީޑަރުން ކުރާ ކަންތައްތަކެއްގެ ސަބަބުން އެއްވެސް ގައުމެއް ފުޓްބޯޅަ ކުޅުމުން މަހުރޫމްކޮށްގެން ނުވާނެ ކަމަށެވެ. އަދި ރަޝިޔާގެ ކުޑަކުދިންނަށް ޔޫރަޕްގެ އެކި ހިސާބުތަކުގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބުމަކީ އެހީތެރިކަމަކަށް ވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ވާހަކަތަކާ ގުޅިގެން ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ މިއީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށާއި، ކުޅިވަރު ސިޔާސީ ކުރުމަކީ ހެދުނު ގޯހެއް ކަމަށެވެ. ނަމަވެސް ޔޫކްރޭނުގެ ކުޅިވަރާ ބެހޭ ވަޒީރު މަޓްވީ ބިޑްނީ ވަނީ އިންފަންޓީނޯގެ ވާހަކަތަކަކީ "ޒިންމާދާރުކަން ކުޑަ" ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ މިފަދަ ވާހަކަތަކުގެ ސަބަބުން ކުޑަކުދިން މަރަމުންދާ ހަގީގީ ހާލަތާ ފުޓްބޯޅަ ވަކިކުރެވޭ ކަމަށެވެ.
ޔޫއެފާގެ ރައީސް އެލެކްސެންޑާ ސެފެރިން ކުރިން ވިދާޅުވެފައި ވަނީ ރަޝިޔާއަށް އަލުން ފުރުސަތު ދެވޭނީ ޔޫކްރޭން ހަނގުރާމަ ނިމުމުން ކަމަށެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގުރުއަތުލުމުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސުލްހައިގެ އެވޯޑެއް ދިނުމަށް ފީފާއިން ނިންމި ނިންމުން ވެސް އިންފަންޓީނޯ ވަނީ ދިފާއު ކުރައްވާފަ އެވެ.
މާ އަވަހަށް ފޯނު ބެޓެރީގެ ޗާޖު ދަނީތަ؟
އެމެރިކާ އާއި އީރާންގެ މައްސަލަ ހައްލުކުރަން ތުރުކީން ފަށައިފި
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!