ކޮރަޕްޝަނާ ދެކޮޅަށް ޗައިނާއިން ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނުގެ ދަށުން، އެ ގައުމުގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ 73 މީހަކު ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، އެންމެ މަތީ ފަންތީގެ ނުވަ ކްލަބެއްގެ ޕޮއިންޓް އުނިކުރުމަށް ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަން (ސީއެފްއޭ) އިން ނިންމައިފި އެވެ.
އުމުރަށް ސަސްޕެންޑްކުރި މީހުންގެ ތެރޭގައި ޗައިނާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި އެވަޓަންގެ ކުރީގެ ކުޅުންތެރިޔާ ލީ ޓީ އާއި، ސީއެފްއޭގެ ކުރީގެ ރައީސް ޗެން ޒުޔުއާން ހިމެނެ އެވެ.
ސީއެފްއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޯޓުތަކުން ކުށް ސާބިތުވެފައިވާ 73 މީހަކަށް، ފުޓްބޯޅައާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް އުމުރަށް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
މި އަހަރުގެ ކުރީކޮޅު ލީ ޓީ އާއި ޗެން ޒުޔުއާންގެ މައްޗަށް ވަނީ މިލިއަނުން ޑޮލަރުގެ ރިޝްވަތު ހިފިކަން ސާބިތުވެފަ އެވެ. މި މައްސަލައިގައި 2019 އިން 2021 އަށް ގައުމީ ޓީމަށް އިރުޝާދު ދިން ލީ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، ކުރީގެ ރައީސް ޗެން އަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މީގެ އިތުރުން، ޗައިނާ ސުޕަ ލީގުގެ ނުވަ ކްލަބަކަށް ވަނީ ޕޮއިންޓް އުނިކުރުމާއި ޖޫރިމަނާގެ އަދަބު ދީފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަބެއް ލިބުނީ ޝަންހާއީ ޝެންހުއާ އާއި ޓިއަންޖިން ޖިންމެން ޓައިގާސް އަށެވެ. މި ދެ ކްލަބުގެ ތެރެއިން ކޮންމެ ކްލަބަކުން 10 ޕޮއިންޓް އުނިކޮށް، 1 މިލިއަން ޔުއާން (ގާތްގަނޑަކަށް 143,788 ޑޮލަރު) އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޝަންހާއީ ޕޯޓް 2026 ވަނަ އަހަރުގެ ސީޒަން ފަށަން ޖެހޭނީ 5 ޕޮއިންޓް އުނިކޮށްފައި އޮވެގެންނެވެ.
ސީއެފްއޭ އިން ބުނިގޮތުގައި، ކްލަބުތަކަށް ދީފައިވާ އަދަބުތަކަކީ އެ ކްލަބުތަކުން ހިންގާފައިވާ މުއާމަލާތްތަކުގެ ކުޑަ ބޮޑުމިނަށާއި، އޭގެ ސަބަބުން މުޖުތަމައަށް ކުރި އަސަރަށް ބަލައި ދީފައިވާ އަދަބުތަކެކެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކުގައި އެ އެސޯސިއޭޝަނުން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ނުވަތަ އެއްވެސް ވަރަކަށް ދޫނުދިނުމުގެ ސިޔާސަތެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މިއީ ޗައިނާގެ ފުޓްބޯޅައިގައި ހިންގާ ކޮރަޕްޝަން ނައްތާލަން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް، ކޮރަޕްޝަންގެ މައްސަލަތަކުގައި 43 އޮފިޝަލުންނާއި ކުޅުންތެރިން ވަނީ އުމުރަށް ސަސްޕެންޑްކޮށްފަ އެވެ.
އެމެރިކާ އާއި އީރާންގެ މައްސަލަ ހައްލުކުރަން ތުރުކީން ފަށައިފި
ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަ ބަލަން ކޮމިޝަނެއް ހަދަނީ
ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ޑިޒައިންކުރަން ހަވާލުކޮށްފި