މާލެ ސަރަހައްދުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ފެތުރޭ މިންވަރު އަދިވެސް ދަނީ އިތުރުވަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި ރޯގާ އިތުރުވުމުގެ ސަބަބުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފައެވެ. ހާއްސަކޮށް ސްކޫލްތައް ހުޅުވުނު ފަހުން ޑޮކްޓަރަށް ދައްކާ ކުޑަކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ފާހަގަކޮށްފައިވެ އެވެ.
އެޗްޕީއޭއިން އިއްޔެ ވަނީ މި ބަލިން ރައްކާތެރިވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަން ހާމަކޮށްފަ އެވެ. އެގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާ ކުރުމަށްފަހު އަތް ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަނަމަ، އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި ބޮޑެތި މީހުންވެސް ގޭގައި މަޑުކުރުމަށް ވަނީ އަންގާފަ އެވެ.
އްބޭރަށް ހިންގުމާއި ހޮޑުލުން ކުރިމަތިވާއިރު ބައެއް ހާލަތްތަކުގައި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި: ގިނަގިނައިން ހޮޑުލެވުން، މާބޮޑަށް ވަރުދެރަވުން، ބޮލަށް އެނބުރުން އެރުން، އާދަޔާ ހިލާފަށް ކަރުހިއްކުމާއި ބަނޑުގައި ރިއްސުން، އަދި ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ހިމެނެއެ ވެ.
މި ރޯގާ މިހާ ބޮޑަށް އިތުރުވެފައިވަނީ ސްކޫލް ބަންދަށްފަހުގަ އެވެ. މި ބަންދުގައި 50,000 އާ ގާތްކުރާ އަދަދަކަށް ދިވެހިން ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާއިރު، އޭގެ ތެރެއިން 8,000 އެއްހާ މީހުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ. އާންމުކޮށް ހައްޖާއި އުމްރާއިން މީހުން އެނބުރި އަންނަ ދުވަސްވަރު އެކި ކަހަލަ ރޯގާތައް ފެތުރުން އިތުރުވާކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ.
އެހެންކަމުން، ހައްޖާއި އުމްރާއިން އަންނަ މީހުންގެ ކިބައިން ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ބޭރަށް ނުދިއުމަށާއި މީހުންނާ ބައްދަލު ނުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަލިޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓާއި، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަކީ ފަރުވާގެ ގޮތުން ކުރެވިދާނެ މުހިންމު ކަންކަމެވެ.
މާ އަވަހަށް ފޯނު ބެޓެރީގެ ޗާޖު ދަނީތަ؟
ކުރީގެ ސަރުކާރުގެ ވެރިންގެ މައްސަލަ ބަލަން ކޮމިޝަނެއް ހަދަނީ