ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދާ ގުޅިގެން ބިދޭސީއެއްގެ އަތުން ފައިސާތަކެއް އަތުލި މައްސަލާގައި ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރު އިބްރާހިމް އަހުމަދު ދައުލަތާއެކު އެއްބަސްވުމެއް ހެދުމުން އޭނާގެ އަދަބުގެ ބޮޑު ބައި ޖޫރިމަނާއަކަށް ބަދަލުކޮށްފި އެވެ.
އިބްރާހިމާއި އިމިގްރޭޝަންގެ އެހެން ތިން އޮފިސަރަކު މިދިޔަ އަހަރުގެ މާޗް މަހު ހައްޔަރުކުރީ ޝަމްއާނާ ގުޅިގެން،އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިބްރާހިމްގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.
އެ މައްސަލާގައި އޭނާއާއެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން, ހަތަރު އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވި ނަމަވެސް, އޭގެ ތެރެއިން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 11 މަހުގެ ޖަލު ހުކުމެއް ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.
އަދަބުގެ ބާކީ ބައި 254,000ރ. ގެ ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން ބަދަލުގެ ގޮތުގައި، ބިދޭސީ މީހާއަށް 50،000ރ. އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިދޭސީ މީހާއަށް 3،500 ޑޮލަރު ދޭން ވެސް ހުކުމުގައި އެންގި އެވެ.
މީގެކުރިން އެ މައްސަލާގައި ދައުވާލިބުނު އިމިގްރޭޝަންގެ އެހެން އޮފިސަރަކާއެކު ވެސް ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދި އެވެ. އެ އޮފިސަރުގެ މައްޗަށް ވެސް އޭރު ވަނީ ދެ މަހާއި ތިން ދުވަހުގެ ޖަލު ހުކުމެއް އަދި 45،000ރ. ޖޫރިމަނާގެ އަދަބު ކަނޑައަޅައިފަ އެވެ.
ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދާއިރު އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އޭނާ ވެސް މިހާރު ހުރީ ބަންދުން ދޫކޮށްލައިފަ އެވެ.
ދުވަހަކުވެސް ރަންވީރުއާ ނުގުޅޭނެ ކަމަށް އަނުޝްކާ ބުނީ ކީއްވެ؟
މައުލޫމާތު ނުދީގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާކޮށްފި
ބަދިގެއަށް ތެލިތަށި ގަންނައިރު މިކަމަށް ސަމާލުވާތި!