މިހު އޮތް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަކީ ގާނޫނުއަސާސީއަށާއި ރައްޔިތުންނަށް ހިޔާނާތްތެރިވަމުންދާ، ގާނޫނީ އުސޫލުތަކަށް ބީރައްޓެހި މެންބަރުންތަކެއްގެ މައްޗަށް އެކުލެވިގެންވާ މެޖޯރިޓީއެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، އެއްވެސް ބަދަލެއް ނުގެނެސް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމި ގޮތަށް މިއަދު އޮތް މަޖިލިސް ތަޅުމުން ފާސްކޮށްފައި އެވެ.
އެހެންކަމުން މިއަދު އޮތީ މި އިސްލާހަށް ވޯޓަށް އެހުމެވެ. ރިޔާސަތުން ވޯޓަށް އެހުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސަތަށްވެސް މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭ ކަމަށެވެ. އެހެންވެ، ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓާ އެކު އިސްލާހުވަނީ ފާސްކޮށްފަ އެވެ.
މިކަމާ ދެކޮޅަށް އެމްޑީޕީ މެމްބަރުން މަޖިލިސްތެރޭގައި އަޑުގަދަކޮށް 20 ވަނަ މަޖިލީހަކީ ގަމާރުންގެ މަޖިލީހެއް ކަމަށް ތަކުރާރުކޮށް އެމްޑީޕީ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީން ވަނީ ވިދާޅުވެފަ އެވެ. އަދި މިކަމަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެއްގޮތަކަށް ވެސް އެހެން ވިދާޅު ނުވެވޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޑރ އަހުމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްތުގައި ވިދާޅުވީ މަޖިލީހުގެ މިހާރުގެ މެޖޯރިޓީން އަމަލުކުރަމުންދަނީ ދުސްތޫރީ ހަމަތަކާ ހިލާފަށް ކަމަށެވެ.
އަބްދުﷲ ދީދީ ވިދާޅުވީ ފާހަގަކުރެއްވި ފޮތުގައި މަޖިލީހުގެ މެންބަރުންނާ މެދު ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ގާނޫނުއަސާސީން އެބައިމީހުންނާ މަތިކޮށްފައިވާ އަސާސީ މަސްއޫލިއްޔަތުތަކަށް ފުރަގަސްދީ، ޒާތީ މަސްލަގަތުތަކެއް ޙިމާޔަތްކުރުމަށްޓަކައި އިރުއިރުކޮޅާ ގާނޫނުއަސާސީއަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އަދި މިފަދަ އަމަލުތަކަކީ ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކަށް ބީރައްޓެހި ޖާހިލުންތަކެއް ހިންގާނެ ނުބައި އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެންބަރުން ކުރައްވައިގެން ތިއްބެވި ހުވައަށް އިޝާރާތްކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ދެމެހެއްޓުމަށް ހުވައިކޮށްގެން ތިބެ، އިސްތިގްރާރުވެފައިވާ ބަރްލަމާނީ އުސޫލުތަކާ ހިލާފަށް ތަކުރާރުކޮށް ގާނޫނުއަސާސީއާ ކުޅުމަކީ ޤާނޫނުއަސާސީ ނެގެހެއްޓުންތޯ އަހުމަދު އަބްދުﷲ ދީދީ ވަނީ ސުވާލު އުފައްދަވާފައި އެވެ.
"ތިޔަ މަޖިލީހުގެ މެޖޯރިޓީއަކީ ޤާނޫނުއަސާސީއަށާއި ރައްޔިތުންނަށް ހިޔާނާތްތެރިވަމުންދާ ޖާހިލު މެންބަރުންތަކެއްގެ މައްޗަށް އެކުލެވިގެންވާ މެޖޯރިޓީ އެއްކަމާމެދެ އެއްވެސް ޝައްކެއް ނެތް! ގާނޫނުއަސާސީން އެބައިމީހުންނާ މަތިކޮށްފައިވާ އަސާސީ މަސްއޫލިއްޔަތުތަކަށް ފުރަގަސްދީ، ޒާތީ މަސްލަޙަތުތަކެއް ހިމާޔަތްކުރުމަށްޓަކައި، އިރުއިރުކޮޅާ ގާނޫނުއަސާސީއާ ކުޅޭނީ ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކަށް ބީރައްޓެހި ޖާހިލުންތަކެއްކަން ޔަޤީން؛ އެބައިމީހުން ހުވައިކޮށްގެންތިބީ." ޑރ އަހުމަދު އަބްދުﷲ ދީދީ އެކްސްގައި ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން، ދީމިގްރާތީ މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ހާލަތްތަކުގައި، ރައްޔިތުންގެ ގާނޫނުއަސާސީ ޙިމާޔަތް ކުރެވޭނީ ސީދާ ރައްޔިތުންނަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި މަޖިލީހުގެ މެޖޯރިޓީގެ އަމަލުތައް ހުރީ ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބަދިގެއަށް ތެލިތަށި ގަންނައިރު މިކަމަށް ސަމާލުވާތި!
ޖާގަ ތަނަވަސް މާހައުލަކަށް މިކަންކަމަށް ސަމާލުވޭ!