ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ "ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް" (ސީޕީއައި) ބަލައިނުގަތުމަށް ނިންމި ނިންމުމަކީ، ހަމައެކަނި ހިސާބު އަކުރުތަކަކާ މެދު އުފެދުނު ހިޔާލުތަފާތުވުމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ދައުލަތް ހިންގުމުގެ ނިޒާމަށް ލޮޅުން އަރާފައިވާ މިންވަރު ހާމަކޮށްދޭ، ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ސީޕީއައި އިން ރާއްޖެއަށް 100 އަކުން 39 މާކްސް ދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާދާރުކުރުވުމުގެ ނިޒާމުގައި ހުރި ރޯނު އެދުރުކަން ކަނޑުވައި، ހޭލަންޖެހިފައިވާ ކަމުގެ ސިގުނަލެކެވެ. ނަމަވެސް މި ހަގީގަތާ ކުރިމަތިލައި އިސްލާހުގެ މަގު އިހުތިޔާރު ކުރުމުގެ ބަދަލުގައި އެ މިންގަނޑު އެއްލާލުމަކީ ޒިންމާއިން ރެކި އިސްލާހަށް ފުރަގަސްދިނުމުގެ ނުރައްކާތެރި އިންޒާރެކެވެ.

ކޮރަޕްޝަނަކީ ހަމައެކަނި ކަރުދާހުގައި ލިޔެވޭ ހިސާބު އަކުރުތަކެއް ނޫނެވެ. އެއީ ދައުލަތުގެ ބިންގާ ފޫއަޅުވާލާ، ރައްޔިތުންގެ އިތުބާރު ކާލާ ކެންސަރެކެވެ. ސީޕީއައި އިން ވަޒަންކުރަނީ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އޮތް މިންވަރު މީހުންނަށް އިހުސާސްކުރެވޭ މިންވަރެވެ. އެއްވެސް މިންގަނޑަކީ ފުރިހަމަ އެއްޗަކަށް ނުވެދާނެ އެވެ. ނަމަވެސް "އިހުސާސްކުރެވޭ މިންވަރު" ނުވަތަ "ޕާސެޕްޝަން" އަކީ ނުހަނު ބާރުގަދަ އެއްޗެކެވެ. އިންވެސްޓަރުންގެ އިތުބާރާއި ބައިނަލްއަގުވާމީ މައިދާނުގައި ގައުމުގެ ހައިބަތާއި އެންމެ މުހިންމުކޮށް ރައްޔިތުންގެ އިތުބާރު ބިނާވެފައި ވަނީ މި އިހުސާސްތަކުގެ މައްޗަށެވެ. ކޮރަޕްޝަންގެ ވަސް މުޖުތަމައުގައި ގަދަވުމަކީ ދެފުށް ފެންނަ އުސޫލުތަކާއި ނަޒާހަތްތެރިކަން ވަޅުޖެހިފައިވާ ކަމުގެ ހެއްކެކެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ރާއްޖޭގައި ހުންނަވާ އެމެރިކާ ސަފީރަށް ހަނދާނީ ހަދިޔާއެއް ދެއްވަނީ. ފޮޓޯ: އޭސީސީ

ދުނިޔޭގެ ތަޖުރިބާއަށް ބަލާއިރު، މި އިންޑެކްސްގައި ދަށަށްދާ ގައުމުތަކުގައި ޑިމޮކްރެޓިކް މުއައްސަސާތައް ބަލިކަށިވެ، ފާރަވެރިވާނެ ބަޔަކު ނެތި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސިޔާސީ ނުފޫޒު ގަދަވެގެންދެ އެވެ. ކޮރަޕްޝަން ހުއްޓުވަން ތިބޭ މީހުން ސިޔާސީ ކުލަޖެހި، މަގާމުގެ ދިފާއުގައި ތެދުވުމަކީ ކޮރަޕްޝަން ފޮރުވުމަށް ލިބޭ ހިތްވަރެކެވެ. ފާރަވެރި މުއައްސަސާތަކުގެ ޒިންމާއަކީ ބާރުގެ ބޭނުންކުރާ މީހުން ހަމަމަގަށް އެޅުވުމެވެ. އަމިއްލަ ނަން ރީތިކުރުމެއް ނޫނެވެ. ފާޑުކިޔުންތަކާ ކުރިމަތިލުމުގެ ބަދަލުގައި އެ ފާޑުކިޔުންތައް ބޭރުކޮށްލުމަކީ މުއައްސަސާގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، މިއީ އާ ވާހަކައެއް ނޫނެވެ. އަހަރުތަކެއް ފާއިތުވެގެންދާއިރު ވެސް ރާއްޖޭގެ މާކްސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މިއިން ދޭހަވަނީ ކުރިއެރުމެއް ނެތި، ހަމަ އެއް ތަނެއްގައި "ބަކަ" ތަޅަމުންދާ ކަމެވެ. ދައުލަތުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުން ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.

ކޮރަޕްޝަންގެ ހިތި ނަތީއްޖާ ރައްޔިތުންނަށް ފެންނަނީ އަތްލެވޭ ހިސާބުންނެވެ. އިމާރާތްތަކާއި މަގުތަކުގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންގެ ލާރި ނަހަމަ ގޮތުގައި ބޭނުންކުރެވި، ތަރައްގީގެ ދުވެލި މަޑުޖެހިގެންދަނީ މި ސަބަބާ ހުރެ އެވެ. ދެފުށް ނުފެންނަ ގައުމުތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ނާދެ އެވެ. ހައްލަކީ މިންގަނޑުތައް ބަލައިނުގަނެ ފޮރުވުމެއް ނޫނެވެ. ހައްލަކީ ދެފުށް ފެންނަ ނިޒާމަކާއި، ކޮރަޕްޝަން ފަޅާއަރުވާލާ މީހުންނަށް ހިމާޔަތް ދިނުމާއި ތަހުގީގީ އިދާރާތަކުގެ މިނިވަންކަން ކަށަވަރުކުރުމެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް އާއި އެ ކޮމިޝަނުގެ މެމްބަރުންތަކެއް ބައްދަލުވުމެއްގައި ބައިވެރިވަނީ. ފޮޓޯ: އޭސީސީ

ސީޕީއައި އަކީ ރާއްޖެ ބަދުނާމުކުރަން ގެންގުޅޭ "އަސާގަނޑެއް" ނޫނެވެ. އެއީ އަޅުގަނޑުމެންގެ މޫނުބަލާ ލޯގަނޑެވެ. ލޯގަނޑުން ފެންނަ ސޫރަ ހަޑިވުމުން، ލޯގަނޑު ތަޅާލުމަކުން މޫނު ރީއްޗެއް ނުވާނެ އެވެ. ގައުމީ މުއައްސަސާތަކުން ދިފާއީ އައްޑަނަ ނެގުމުގެ ބަދަލުގައި އިސްލާހީ ފިޔަވަޅު އަޅަންޖެހެ އެވެ. ރާއްޖެއިން ކޮރަޕްޝަން ފޮހެލަން ބޭނުންނަމަ، ޖަވާބުދާރީވުމުގެ ހިތްވަރު ހުންނަންޖެހޭނެ އެވެ. ނަޒާހަތްތެރިކަމަށް ބޭނުން ވަނީ ކެރުމެވެ. ޑިމޮކްރަސީއަށް ބޭނުންވަނީ ދެފުށް ފެންނަ ގޮތެވެ. އަދި ކުރިއެރުމަށް ބޭނުންވަނީ ހިތި ނަމަވެސް ހަގީގަތާ ކުރިމަތިލުމުގެ ފަންވަރެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހަށް މަސައްކަތް ކުރައްވާ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ ފަންނަނީ ބޭފުޅެކެވެ.