އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލެ އެވެ. އާންމުކޮށް ރޯދަމަހު އެންމެ ޑިމާންޑު ބޮޑުހެންހީވާ އެއްޗެއްވިއްޔާ ހުންނަނީ އަސްލު އަގުގެ ދެގުނަ ޖައްސާލާފަ އެވެ.

ކޮންމެ ރޯދަމެއްގައި ވެސް އާންމުކޮށް އަގު ބޮޑުވާ ބައެއް ބާވަތްތަކަށް ބަލާއިރު، މިރުހާއި ފިޔާ އަދި ކަރަލުގެ އިތުރުން ރޯމަސް ހިމެނެ އެވެ.

އާންމުކޮށް ކޮންމެ ރޯދަމަހަކު ވެސް އެންމެ ޑިމާންޑު ބޮޑު އެއްބާވަތަކީ ރާއްޖެއަށް މަޝްހޫރު ތ ކަނޑޫދޫ މިރުހެވެ. މިފަހަރުގެ ރޯދަމަހުގައި ކަނޑޫދޫ މިރުހުގެ ޑިމާންޑު ބޮޑުވެ، އަގު ވަނީ ރަނަށް ވެފަ އެވެ. އެގޮތުން ބާޒާރުން މިހާރު އާންމުކޮށް ތ. ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު އުޅެނީ 430 ރުފިޔާ އާއި 480 ރުފިޔާއާ ދެމެދުގަ އެވެ.

މީގެ ދެތިން ދުވަސް ކުރިއަށް ބަލާއިރު އެ އަގު ހުރީ 280 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުއެވެ. އަދި މީގެ މަސް ދުވަހެއް ކުރިން ހުރީ 120 ރުފިޔާއަށެވެ.

މާލޭ ބާޒާރަށް ކަނޑޫދޫ މިރުސް އެންމެ ގިނައިން ގެންނަ ފަރާތްތަކުން "ހުރިހާ އަށް ބުނީ ރޯދަމަސް ފެށެން ދެދުވަހަށް ވި ހިސާބުން ފެށިގެން މިރުހުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ބެލެވޭގޮތުގައި އެކަމުގެ ސަބަބަކަށް ވެފައިވަނީ ރޯދަޔާ ދިމާކޮށް އަތޮޅުތެރެއަށް ބޯޓް ފަހަރު ފުރާތީ ގިނަ ބަޔަކު މިރުސް ގަތުމުން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް ރޯދަ މަސް ފެށުމާއެކު ކަނޑުދޫ މިރުހުގެ އަގު މައްޗަށް ދިޔަ ނަމަވެސް ވަކި ހިސާބަކުން ޑިމާންޑު ދަށްވެ, މިހާރު ހުރި އަގަށް ވުރެން ކަނޑޫދޫ މިރުހުގެ އަގު ދަށަށް ދާނެ ކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.

"ކަނޑޫދޫ މިރުހުގެ އަގު މިހާރު މިއޮތީ އުފުލިފަ، މީގެ ދެތިން ދުވަސްކުރިން ތަންކޮޅެއް އަގުހެޔޮކޮށް ލިބުނު ނަމަވެސް މިހާރު ހަމަ މާރުކޭޓުގެ ހުރިހާ ހިސާބަކުން ވެސް އަގު ބޮޑުކޮށް ލިބެނީ. އެކަމު ހީވަނީ އަދި ތަންކޮޅެއް ފަހުން އަގު ތިރިވާނެހެން ހީވަނީ. ކަނޑޫދޫ މިރުސް 100 ގްރާމް ވިއްކަނީ 45ރ. އަށް. ކިލޯއެއް 450ރ. އަށް. މިރުހުގެ ފިވަފާރުކުރާ މީހަކު ބުންޏެވެ.

ވަރަށް މީރު ކުޅި ރަހައެއް ހުންނަ ކަނޑޫދޫ މިރުހަކީ ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ޚާއްސަކޮށް ރޯދަ މަހު އެ މިރުހަށް އޮންނަ ޑިމާންޑް ވަރަށް ވޮޑު ވެއެވެ.

މިރުހުގެ އިތުރުން ބާޒާރުގައި އެންމެ އަގުބޮޑުކޮށް ދެން އުޅެނީ ކުރުނބަލެވެ. ބާޒާރުގައި ކުރުނބަލެއް ލިބެނީ 45ރ. އާއި 50ރ. އާ ދެމެދުގެ އަގަކަށެވެ. އޭގެއިތުރުން މިދިޔަ ރޯދަ މަހު އެންމެ ބޮޑަށް އަގު އުފުލުނު ކާށީގެ އަގު ހުރީ 15ރ. އާއި 30ރ. އާ ދެމެދުގަ އެވެ.

ރޯދަ މަހު އެންމެ ގިނައިން މީހުން ގަންނަ އެއްޗަކީ ކަރާ ކަމަށްވާއިރު، ބާޒާރުގައި ކަރާގެ އަގު މިވަގުތު ހުރީ 18ރ. އާއި 20ރ. އާ ދެމެދުގަ އެވެ. މިއީ އާންމުކޮށް ވެސް ރޯދަ މަސް ފެށޭއިރު ކަރާގެ އަގު ހުންނަ މިންވަރުކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން ދިވެހި ޖުމްހޫރީ މޭވާ ކިލޯއެއް ބާޒާރުގައި މިވަގުތު ހުރީ 80ރ. އަށެވެ.

މީގެ އިތިރުން ބާޒާރުގައި އޮރެންކުގެ ގު އުޅެނީ 8 ރުފިޔާ އަށެވެ. އަދި އާފަލެއްގެ އަގު އުޅެނީ 6 ރުފިޔާ އަށެވެ. މީގެ އިތުރުން ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 60 ރުފިޔާއަށެވެ. މީގެ އިތުރުން ދޮންކޭލަށް ބަލާއިރު ދޮންކޭ ކިލޯއެއް އުޅެނީ 40ރ އާއި 46ރ އާއި ދެމެދުގެ އަގުތަކުގަ އެވެ.