ސްކޫލް ނިންމާފައި މިލިޓަރީ ޓްރެއިނިން ނަހަދާނަމަ ސަރުކާރުން ވަޒީފާ ނުދިނުމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ޝަރީފް ގޮވާލައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ކުރައްވަމުން މެމްބަރު ހުސައިން ވިދާޅުވީ ސްކޫލު ދައުރު ނިންމާ ދަރިވަރުންނަށް ސަރުކާރުގެ ވަޒީފާއެއް ނޭންވީ ފުރަތަމަ ތަރުބަވީ ތަމްރީން ދިނުމަށް މިލިޓަރީ ޓްރެއިނިންގ އެއް ފުރުހަމަ ކުރުމަށްފަހުގައި ކަމަށެވެ.

މީގެ އިތުރުން ސްކޫލު ދައުރު ނިންމާފައި ނުކުންނަ ކުދިންގެ ތެރެއިން މިފަދަ ޓްރެއިނިންގ އެއް ނުހަދާ އެއްވެސް ކުއްޖަކަށް ވަޒީފާ އެއް ނުދިނުމަށް ވެސް ހުސެއިން ވަނީ ގޮވާލައްވާފަ އެވެ.

މީގެ އިތުރުން ކިޔަވައި ނިންމައި ވަޒީފާގެ މާހައުލަށް ނިކުންނަ ޒުވާނުންގެ ރިވެތި އަހުލާގާއި ކިޔަމަންތެރިކަން ހުރިތޯ ސުވާލު އުފައްދަވައި ހުސައިން ވިދާޅުވީ ކިތަންމެ މަތިން ފާސްވެގެން މޮޅު ސެޓްފިކެޓެއް އޮތަސް، ތަރުބަވީ ހަޔާތުގައި ލިބެންޖެހޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވިފައިވޭތޯ ބަލަން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގައި އޭލެވެލް އޯލެވެލް ހަދާ ހުރިހާ ކުދިން ސަރުކާރުން ވަޒީފާއެއް ދެންޏާ ފުރަތަމަ ތަރުބަވީ ޓްރެއިނިންގައި ހަމަ މިލިޓަރީ ޓްރެއިނިންއަށް ފޮނުވަންވީ. ރަނގަޅަށް މިލިޓަރީ ޓްރެއިނިންއަށް ފޮނުވާފައި މިލިޓަރީ ޓްރެއިނިން ނަހަދާ ކުއްޖަކަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުދޭންވީ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ވަތަނީ ހިދުމަތް (ނެޝަނަލް ސާވިސް) ގެ ޕްރޮގްރާމެއް ފަށާފަ އެވެ. އެއް އަހަރަށް ހިންގާ އެ ޕްރޮގްރާމުގެ ބައިވެރިންނަށް ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އާއި ދަތުރުފަތުރު ސަރުކާރުން ހަމަޖައްސައިދެ އެވެ.

އެ ޕްރޮގްރާމްގައި 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ބައިވެރިވެވޭނެ އެވެ. 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިންގެ ހުއްދައާއެކު އެވެ.

މިކަމާ ގުޅޭ ހާއްސަ ބިލެއް ވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ވަނީ ހުށަހަޅުއްވާފަ އެވެ.

ނޭޝަނަލް ސާވިސް ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެ ޕްރޮގްރާމް ތައާރަފްކުރި ފަހުން މިދިޔަ އަހަރު ތަމްރީންތަކަށް ދިޔައީ 343 މީހުންނެވެ.