އީރާނުގެ ހާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފު އެ ގައުމުގެ ހާރިޖީ ސިޔާސަތުތަކަށް ފާޑުކިޔާ އޯޑިއޯއެއް ލީކު ވެއްޖެ އެވެ.
ތިން ގަޑިއިރުގެ ދިގު، މި އޯޑިއޯ ރެކޯޑިންގައި ޖަވާދު ވިދާޅުވެފައި ވަނީ ތެހެރާންގެ ހާރިޖީ ސިޔާސަތުތަކަށް އޭނާގެ އެއްވެސް ބާރެއް ނުފޯރާ ކަމަށާއި އެއާ ހިލާފަށް އިސްލާމިކް ރިވޮލިޝަނަރީ ގާޑު ކޯޕްސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ބާރު މާގަދަ ކަމަށެވެ.
"އަޅުގަނޑަކަށް ގައުމުގެ އަސްކަރީ ވެރިޔާއަށް އެއްވެސް އަމުރެއް ނުކުރެވޭ ގައުމުގެ ސިޔާސަތުތައް ބައްޓަން ކުރާކަށް،" ރެކޯޑިންގައި ޖަވާދު ވިދާޅުވެފައި ވެއެވެ.
އިތުރަށް އޭނާ ވިދާޅުވެފައިވަނީ ރަސްމީ ދަތުރުފުޅުތަކުގައި އޭނާ ދުނިޔޭގެ އެކި ގައުމުތަކަށް ވަޑައިގަންނަވާއިރު، ސުލައިމާނީ އޭނާއަށް ކަންތައް ކުރަންވީ ގޮތް ވިދާޅުވެ ދެއްވާ ކަމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ބާތިލުކުރި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ބާތިލުވުމުގެ ފަހަތުގައި ވަނީ ސުލައިމާނީ ކަމަށް އޭނާ މި ރެކޯޑިންގައި ތުހުމަތު ކުރައްވާފައިވެ އެވެ.
ލީކުވި އޯޑިއޯ ގެ ސައްހަކަމާމެދު ސުވާލު ކުރުމެއްނެތި އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ރެކޯޑިންއަކީ އާއްމު ކުރަން ނިންމާފައި ނުވާ ހަތް ގަޑިއިރުގެ އިންޓަވިއުއެއްގެ ބައެއް ކަމަށެވެ. އަދި އޭނާ އިތުރަށް ވިދާޅުވެފައިވަނީ އޯޑިއޯގައި ޖަވާދު ދައްކަވާ ވާހަކަފުޅުތަކަކީ އޭނާ ސުލައިމާނީއަށް ކުރައްވާ އިހްތިރާމަށް ކުޑައިމީސްކަމެއް ލިބޭ ކަމެއް ނޫން ކަމަށެވެ.
މި އޯޑިއޯ ލީކުވުމުގެ ފަހަތުގައި ވަނީ ކާކުކަމެއް އަދި އެއީ ކޮން މަގުސަދެއްގައި ކުރި ކަމެއްކަން ވެސް އަދި ސާފުނުވާ ކަމަށާއި ބޭނުން ޖެހިއްޖެއް ނަމަ އޯޑިއޯގެ ފުރިހަމަ އިންޓަވިއު ވެސް އާއްމު ކުރަން ފަސްނުޖެހޭނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މި އޯޑިއޯ އާކު ބައިނަލް އަގުވާމީ މަސްރަހުގައި، ހާއްސަކޮށް އެމެރިކާގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ރައީސް އޮބާމާގެ ރިޔާސަތުގައި އެމެރިކާގެ ކުރީގެ ސެކެޓްރަރީ އޮފް ސްޓޭޓް ޖޯން ކެރީ އެ ގައުމުގެ ސިއްރު މައުލޫމާތު އީރާނަށް ފޯރުކޮށް ދީފައިވާ ކަމަށް ބުނެފައިވާއިރު، މިހާރުގެ ސަރުކާރުގައި ވެސް ހިދުމަތްކުރަމުން އަންނަ ކެރީ މަގާމުން ވަކިކުރުމަށް އެކިފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
މި ތުހުމަތުތައް ކެރީ ދޮގުކުރައްވަމުން ވިދާޅުވީ އެއީ ދުވަހަކު ވެސް ހިނގާފައި ނުވާ ކަމެއް ކަމަށެވެ.
ޖަވާދުގެ މި ރެކޯޑިންއާ އެކު އީރާނުގައި ވެސް އަންނަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ.
ސުލައިމާނީއަށް ފާޑު ކިޔާފައިވާތީ ގިނަ ބަޔަކު ޖަވާދުއަށް ނުރުހުން ފާޅުކުރަމުން ދާއިރު ސަރުކާރުން ދަނީ އެކަން ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.
ގުދުސް ފޯސްގެ ވެރިޔާގެ މަގާމުގައި ހުންނެވި ގާސިމް ސުލައިމާނީ ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 3 ވަނަ ދުވަހު ބަޣުދާދުގެ އެއާޕޯޓް ކައިރީގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަވަހާރަކޮށްލައިފަ އެވެ.
ބަރުލަމާނީ ނިޒާމަކީ ރައްޔަތުންނަން ބަސްބުނުމުގެ އެއްވެސް ބާރެއް ލިބޭ ނިޒާމެއް ނޫން. ވެރިކަން ހިންގަންވާނީ ރައްޔަތު މީހާގެ ވެސް ހިޔާލު ހިއްސާވާ ގޮތަށް.
ދިމީ ދެކޭގޮތުގައި މިފަދަ ރިކޯޑިންތައް ލީކުވީމަ ވަރަށް ގިނަ ފިތުނަ އުފެދޭނެ.