އާންމުކޮށް ދުވާލު ނުނިދާ މީހަކު ވެސް ރޯދައަށް ހުންނައިރު ނިދާކަން ނުވަތަ ނިދި އަންނަކަން ފާހަގަ ކުރެވޭ ހެއްޔެވެ؟
ނިދުމަކީ ހަށިގަނޑަށް ލިބޭ ކުދި އަނިޔާތައް ފަސޭހަ ކުރުމަށް މުހިންމު ކަމެކެވެ. އެހެން ނަމަވެސް ރޯދައަށް ހުރެ ރޯދަމަހު އާދަޔާ ޚިލާފަށް ގިނައިން ނިދުމަކީ ރޯދައަށް ހުރުމުގެ މަގުސަދަށް ބުރޫއަރާ ކަމެކެވެ. ފައިދާހުރި ކަންކަމުން ދުރުކުރާ ކަމެކެވެ. މިކަމަކީ ރޯދައަށް ހުންނަ ކިޔަވާ ކުއްޖާ އަދި ރޯދައަށް ހުންނަ މަސައްކަތްތެރިޔާ ވިސްނާލުން މުހިންމު ނުކުތާއެކެވެ.
ރޯދައަށް ހުންނަ އިރު ނިދި އަންނަނީ ހަށިގަނޑުގަ ހަކަތަ މަދުވުމާއި ފެން ވެސް މަދު ވުމުންނެވެ. ނުވަތަ ނިދާ ހޭލާ ގަޑިއަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ.
ރޯދައަށް ހުރި ނަމަވެސް ގިނައިން ނުނިދުމަށް ސިއްހީ މާހިރުން ލަފާ ދެއްވަނީ ނުރަނގަޅު ސަބަބުތަކެއް އެކަމުގައި ހިމެނޭތީ އެވެ.
ތިރީގައި މި ހިމަނާލަނީ ގިނައިން ނިދުމުން ދިމާވެދާނެ ބައެއް މައްސަލަތަކެވެ.
1- ހަކަތަ އުފެއްދުމުގައި މައްސަލަ ޖެހި، ވަރުބަލިކަން އިތުރުކޮށް ދިނުމަކީ ދިމާވެދާނެ އެއް މައްސަލަ އެވެ. މުޅި ދުވާލު ނިދުމުން ހަށިގަނޑު ހަރަކާތްތެރިވެ އުޅުން މަދުވެ އެވެ. ވަރުބަލިކަމާއި ލޮޑުކަން ދިމާވަނީ އޭގެ ސަބަބުންނެވެ.
2- ވަގުތު އިސްރާފު ކުރެވުމާއި މަސައްކަތުގައި ކުރި ނޭރުމަކީ ރޯދައަށް ހުރެ މުޅި ދުވާލު ނިދުމުން ދިމާވެދާނެ ކަމެކެވެ. މަސައްކަތް ކުރަން ހޭދަ ކުރަންޖެހޭ ވަގުތު، ގިނައިން ނިދުމަށް ހޭދަ ކުރުމަކީ މަސައްކަތް ލަސްވުމަށް މެދުވެރިވެދާނެ ކަމެކެވެ. ކިޔަވާ ކުއްޖެއް ނަމަ އެ ގެއްލުނީ ކިޔެވުމަށް ހޭދަކުރުމަށް މުހިންމު ވަގުތުތަކެކެވެ. ގިނައިން ނިދުމަކީ އަޅުކަމުގައި ހޭދަކުރެވޭ ވަގުތު ވެސް މަދުވާނެ ކަމެކެވެ.
3- ވިސްނުން ކޮށިވުމަކީ ވެސް ގިނައިން ނިދުމުން ދިމާވެދާނެ ކަމެކެވެ. އެއީ ގިނައިން ނިދުމުގެ ސަބަބުން ހަށިގަނޑަށް ކަންނެތް ކަން ވެރިވެފައިވުމާއި އޭގެ ސަބަބުން ސިކުނޑި "އެލާޓް" ނުވުމަށް މެދުވެރި ވެދާނެތީ އެވެ.
4- ރޭގަނޑުގެ ނިންޖަށް ބުރޫ އެރުމަކީ ވެސް ދުވާލު ގިނައިން ނިދާ މީހަކަށް ދިމާވެދާނެ ކަމެކެވެ. ނިދާ ހޭލުމުގައި ހަށިގަނޑު ވަކިގޮތަކަށް ހޭނިފައިވުމަށް ބުރޫ އަރައިފިނަމަ، ރޭގަނޑު ނިދަން އުނދަގޫވެ އެވެ.
ގިނައިން ނިދުމަކީ ހާރުދަން ގެއްލިދާނެ ވެސް ކަމެކެވެ. ހާރު ނުކެވުމުން، ހެނދުނުގެ މަސައްކަތަށް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މުހިންމު ހަކަތަ ލިބުމުން މަހުރޫމު ވެވުނީ އެވެ. އަދި ހަށިގަނޑަށް ލިބެންވާ ފެން ލިބުމުން ވެސް މަހުރޫމު ވެވުނީ އެވެ. ހަށިގަނޑަށް ލިބެންވާ ފެން މަދުވެއްޖެ ނަމަ، ބޯ އެނބުރުމާއި، ބޮލުގައި ރިއްސުން ފަދަ އުނދަގޫތައް މެދުވެރިވެ އެވެ.
ގިނައިން ނިދުމުން ސަލާމަތް ވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ރޭގަނޑު ނިދާ ގަޑިއަށް އޮށޯތުމަކީ ކުރެވިދާނެ ކަމެކެވެ. ރޯދައަށް ހުރެ ދުވާލު އޮށޯވެލާ ނަމަ، 20 ނުވަތަ 30 މިނެޓަށް ވުރެ އިތުރަށް ނުނިދުމަކީ ކުރެވިދާނެ ކަމެކެވެ. ނިދި އައުމުން ސަލާމަތްވެ ހުރުމަށް ހަރަކާތްތެރިވެ އުޅުން ވެސް ވަރަށް މުހިންމެވެ.
އައްޑޫ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ
ރާއްޖެއިން ޗާގޮސް ސަރަހައްދަށް އަސްކަރީ މަނަވަރު ފޮނުވައިފި!
ސުވާލާއި ޖަވާބު: ނިދާ ހެދުމުގައި ނަމާދު ކުރެވިދާނެތަ؟