ހުވަފެނަކީ އެކި މީހުންނަށް އެކި މާނަ ދޭހަވާ އެއްޗެކެވެ. އާއްމު މީހަކަށް ހުވަފެނަކީ ނިދީގައި ފެންނަ ޚިޔާލީ މަންޒަރުތަކެކެވެ. ޝާއިރަކަށް ހުވަފެނަކީ ދިރިއުޅުމުގައި ޙާސިލް ކުރަން ބޭނުންވާ މަގުސަދުތަކެވެ. ނަފްސާނީ ޑޮކްޓަރަކަށްނަމަ ހުވަފެނަކީ އިންސާނަކު ހަގީގީ ދިރިއުޅުމުގައި ބޭނުނަވާ ކަންކަން ދައްކުވައިދޭ ކުރު ފިލްމެކެވެ.

ކޮންމެއަކަސް "ހުވަފެން" މި ލަފުޒަކީ އެކި މާނަތަކުގައި އެކި ތަންތަނުގައި ބޭނުން ކުރެވެމުން އަންނަ ލަފުޒެކެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހަގީގީ މާނައިގައި ހުވަފެނަކީ ކޮބައިތޯ އެވެ. ހުވަފެން ފެންނަނީ ކީއްވެގެންތޯ އެވެ. އެކަމަށް މަގުފަހި ކުރުވަނީ ކޮން ކަންތައްތަކެއްތޯ އެވެ. އެހެންކަމުން މިލިޔުމުގައި އެކަންކަމަށް އަލި އަޅުވާލާނަމެވެ.

ހުވަފެނަކީ އިންސާނަކު ނިދީގައި އޮންނައިރު އޭނާގެ ސިކުނޑީގައި އުފެދޭ ޚިޔާލުތަކާއި މަންޒަރުތަކާއި ޖަޒުބާތުތަކާއި އިހުސާސްތަކެވެ. އެއީ އިންސާނާގެ ބާރު ނުފޯރާ ސިކުނޑީގެ ހަރަކާތްތަކެވެ. އިންސާނާގެ ސިކުނޑިއަކީ ނިދީގައި ވެސް މަސައްކަތް ކުރުން ހުއްޓާނުލާ ގުނަވަނެކެވެ. ހުވަފެންތަކަކީ މި މަސައްކަތްތަކުގެ ނަތީޖާ އެވެ. ފެންނަ ހުވަފެންތަކަކީ ގިނަފަހަރު އެމީ ހެއްގެ ދިރިއުޅުމާއި އެވަގުތު ގުޅިފައި ނުވާ ހުވަފެންތަކަކަށް ވިޔަސް ބައެއް ހުވަފެނަކީ ދިރިއުޅުމުގެ ހާލަތާއި ލާމެހިފައިވާ ހުވަފެންތަކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުންގެ ހުވަފެންތަކުގެ 70 ޕަސެންޓަކީ ނިދިން ހޭލެވޭއިރު ހަނދާން ނެތިފައިވާ ހުވަފެންތަކެވެ. ކުރިން ވެސް ދެންނެވުނު ފަދައިން ހުވަފެނަކީ އަމިއްލަ ބާރުން ފެންނަ އެއްޗަކަށް ނުވާއިރު އެއިން ފެންނަ މަންޒަރު ތަކަކީ ކޮންޓްރޯލް ކުރެވޭނެ މަންޒަރު ތަކެއް ނޫނެވެ. އެހެން ނޫންނަމަ ބިރު ހުވަފެނެއް ނުފެންނާނެ އެއްނޫންތޯ އެވެ.

ކޮންމެ ގޮތެއްވިޔަސް ހުވަފެނަކީ ކޮންމެ އިންސާނަކުވެސް ތަޖުރިބާ ކުރާނެ އެއްޗެކެވެ. އެހެނީ ލޯ އަނދިރި ފެނުމުން މަހުރޫމް ވެފައިވާ ފަރާތްތަކަށް ވެސް ހުވަފެން ފެނެ އެވެ. ބައެއް މީހުން އެއީ ބިލާހެއް ކަމަށް ގަބޫލު ކުރާއިރު އަނެއް ބަޔަކު އެބަޔަކަށް ފެންނަ ހުވަފެންތަކުގެ ފަހަތުގައި ފޮރުވިފައި މާނައެއްވާކަން ގަބޫލު ކޮށް އެކަން ހޯދަން މަސައްކަތް ކުރެއެވެ.