ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، މަގު ބްލޮކުކޮށްގެން މުދާ ބާލަން އޮތް ޕިކަޕެއްގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ނޫސްވެރިޔަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ޕިކަޕަކުން މަގުމައްޗަށް މުދާ ބޭލީ، ސައިރަން އަޅަމުން ދިޔަ އެމްބިއުލާންސް ޕިކަޕްގެ ސަބަބުން އެ މަގުން ކުރިއަށް ނުދިވެފައި އޮއްވަ އެވެ. އެމްބިއުލާންސް ސައިރަންގައި އައުމާއި ގުޅިގެން އެސަރަހައްދުގައި ތިބި އެހެން ވެހިކަލްތައް ވެސް ވަނީ ބަރުގޮނު އަޅާފަ އެވެ.

https://www.facebook.com/share/r/1CEFDGdZkU/?mibextid=wwXIfr

އެޕިކަޕު އެސަރަހައްދުން ގޮސްފައިވަނީ މުދާ ބާލާ ނިންމުމަށްފަހު އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާނެ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް އެމްބިއުލާންސަށް ޖާގަ ނުދީ، ސައިކަލްތަކެއް ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާއްމުވި އެވެ. އެކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.