މާލޭގައި ދިރިއުޅޭނެ ތަނެއް ނެތި، މަގުމަތީގައި ކުށް ކުރުމުގައި އުޅޭ މީހަކު ކުށުގެ ވެށިން ދުރުކުރުމަށްޓަކައި، އޭނާގެ އުފަން ރަށަށް ބަދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އިރުޝާދު ދީފި އެވެ.

މި އިރުޝާދު ދީފައިވަނީ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޅ. ކުރެންދޫ، ބޮޑުގަސްދޮށުގޭ، އަބްދުﷲ ޝަރީފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.

ޝަރީފު ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އޭނާ ފެނުނުއިރު ރޯދަމަހުގެ ދުވާލު ކާން އިން ކަމަށާއި، އޭނާގެ ކައިރީގައި ރޫޅާލާފައި އޮތް އޭސީ އައުޓްޑޯ ޔުނިޓަކާއި އެކަމަށް ބޭނުންކުރާ ސާމާނު ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުރަތަމަ ސުވާލުކުރުމުން ވަރުބަލިވެގެން ވަނީ ކަމަށް ބުނި ނަމަވެސް، ފަހުން އިތުރު ދެ މީހަކާ އެކު ވައްކަން ކުރަން ވަތް ކަމަށް އޭނާ އެއްބަސްވި ކަމަށް ފުލުހުން ބުންޏެވެ.

ކޯޓުގައި ޝަރީފު ވަނީ ވައްކަން ކުރި ކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ. މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ފާހަގަކުރެއްވި ގޮތުގައި، ޝަރީފަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑު އިންތިހާއަށް ގިނަ މީހެކެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝަރީފު ވަނީ ވަރަށް ބޮޑަށް އަސަރާއެކު އޭނާގެ ހާލަތު ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި މާލޭގައި ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނުވަތަ ވަޒީފާއެއް ނެތެވެ. އޭނާ ނިދަނީ މަގުމަތީގައި ނުވަތަ ޖޯލިފަތިތަކުގަ އެވެ. މީގެ ކުރިން ވެސް ރަށަށް ބަދަލުވާން އުޅުނު ނަމަވެސް، ޖޯއްޔެއްގައި ނިދާފައި އޮއްވާ މީހަކު އޭނާގެ ޖީބު ކީހާލައިގެން ފޯނާއި ފައިސާ ފޭރިގަތުމުގެ ސަބަބުން ރަށަށް ދެވޭނެ ގޮތެއް ނެތިފައިވާ ކަމަށް އޭނާ ބުންޏެވެ.

ގާޒީގެ އަމުރުގައި ފާހަގަކުރައްވާފައިވަނީ، ޝަރީފުގެ ހާލަތަށް ރިއާޔަތްކޮށް ފުލުހުންގެ އިންތިޒާމްތަކުގެ ތެރެއިން އޭނާ ބަންދުގައި ބަހައްޓާ ތަން އުފަން ރަށް ހިމެނޭ ސަރަހައްދަކަށް ބަދަލުކޮށްދީފި ނަމަ، އޭނާ ރަށަށް ބަދަލުވުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. މިއީ އޭނާ ކުށުގެ ވެށިން ދުރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކޯޓުން ވަނީ ބަލައިފަ އެވެ.