އެމެރިކާއާއެކު އަސްކަރީ ކުރިމަތިލުމަކަށް ދިޔުން ހުއްޓުވުމަށްޓަކައި އެކުލަވާލާ އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އެބައޮތް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

އީރާނުން މިހެން ބުނެފައި މިވަނީ ޖެނީވާގައި ދެ ޤައުމުގެ މެދުގައި މަޝްވަރާތައް އަލުން ފެށުމަށް ދެ ދުވަހަށް ވެފައިވަނިކޮށެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ މިފަދައިން ވިދާޅުވީ އެ ޤައުމުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދަރިވަރުންގެ މުޒާހަރާއަށް ސަރުކާރުން އިންޒާރު ދެމުންދާ ދަނޑިވަޅެއްގަ އެވެ. ހަމައެއާއެކު، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް އެމެރިކާއިން ދެމުންދާ އިންޒާރުތައް ވެސް ވަނީ އިތުރުވެފަ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، ދެ ފަރާތުގެ ކަންބޮޑުވުންތަކަށް ހައްލު ލިބި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ފަދަ ތާރީހީ އަދި ނަމޫނާ އެއްބަސްވުމެއް ގާއިމުކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށެވެ. އަދި ހާރިޖީ މުޢާމަލާތްތަކަށް އިސްކަންދީފި ނަމަ، އެއްބަސްވުމަކަށް އާދެވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި މަހުގެ ކުރީކޮޅު ދެ ޤައުމުގެ މެދުގައި އަލުން ފެށި މަޝްވަރާތަކުގެ ތެރެއިން، ތިންވަނަ ބުރުގެ ބައްދަލުވުންތައް އަންނަ ބުރާސްފަތި ދުވަހު ޖެނީވާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްވަރާތައް ބާއްވަން ހަމަޖެހިފައި މިވަނީ، ފާއިތުވި ހަފުތާތަކުގައި އެމެރިކާއިން މެދުއިރުމަތީގައި އަސްކަރީ ބާރުތައް ވަރުގަދަކޮށް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް ހަމަލާދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް އެ ޤައުމުން ތަކުރާރުކޮށް ބުނަމުންދާއިރު، ކިތަންމެ ކުޑަ ހަމަލާއެއް ދިން ކަމުގައިވިޔަސް، އެއީ އުދުވާނީ އަމަލެއްގެ ގޮތުގައި ބަލާނެ ކަމަށް އީރާނުގެ ހާރިޖީ ވުޒާރާއިން ހޯމަ ދުވަހު ވަނީ އިންޒާރު ދީފައެވެ.

އަންގާރަ ދުވަހުގެ ޕޯސްޓުގައި އަރަގްޗީ ވަނީ، އެއްވެސް ހާލެއްގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް، ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިސްތިޤްލާލާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމުގައި ކެރޭނެކަމާއި، އެއްވެސް ކަމަކަށް ފަސްނުޖެހޭނެކަން މިހާރު ވާނީ ސާބިތުކޮށްދީފައި،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ އަހަރު ފަސް ބުރަކަށް މަޝްވަރާކުރެވުނެވެ. ނަމަވެސް، އިޒްރޭލުން އީރާނަށް ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން އެ މަޝްވަރާތައް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.

"ރަތް ރޮނގުތައް" ހުރަސްނުކުރުމަށް އިހުތިޖާޖުވެރިންނަށް އީރާނުން ވަނީ އަންގާފައި

މި ދަނޑިވަޅުގައި، ތެހެރާންގެ ޔުނިވާސިޓީ ދަރިވަރުން އާ ސެމެސްޓަރެއް ފަށާފައިވަނީ އެ ގައުމުގެ ދީނީ ލީޑާޝިޕާ ދެކޮޅަށް މުޅި ގައުމުގައި ކުރަމުންދާ އިހުތިޖާޖުތަކުގެ ޝިއާރުތައް އާކޮށް، ބޭއްވި އެއްވުންތަކަކާއެކުގަ އެވެ.

ޔުނިވާސިޓީ ކެމްޕަސްތަކުގައި މެދުނުކެނޑި އިހުތިޖާޖު ކުރާތާ ހަތަރުވަނައަށްވީ އަންގާރަ ދުވަހު، ތެހެރާންގެ ޔުނިވާސިޓީއެއްގެ ބޮޑު ހޯލެއްގައި ދެ ގްރޫޕެއްގެ މެދުގައި ކުރިމަތިލުންތަކެއް ހިނގި ވީޑިއޯތަކެއް ވަނީ އާއްމުވެފަ އެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި، 1979 ވަނަ އަހަރުގެ އިންގިލާބަށްފަހު އީރާނުން ބޭނުންކުރަން ފެށި އެ ގައުމުގެ ރަސްމީ ދިދަ، ދަރިވަރުން ވަނީ އަންދާލާފަ އެވެ.

މި އެއްވުންތަކާ ގުޅިގެން އީރާނު ސަރުކާރުން ދިން ފުރަތަމަ ރަސްމީ ރައްދުގައި، ތަރުޖަމާނު ފާތިމާ މުހާޖަރާނީ ވިދާޅުވީ، ދަރިވަރުންނަށް އިހުތިޖާޖު ކުރުމުގެ ހައްގު އޮތް ނަމަވެސް، ހުރަސްކޮށްގެން ނުވާނެ "ރަތް ރޮނގުތައް" ދެނެގަންނަން ޖެހޭނެ ކަމަށެވެ.

އަދި ގައުމީ ދިދައަކީ ކިތަންމެ ބޮޑު ރުޅިވެރިކަމެއްގެ ތެރޭގައި ވީނަމަވެސް، އެއަށް އިހުތިރާމްކޮށް ހިމާޔަތްކުރަންޖެހޭ، އަދި އެއްވެސް ހާލެއްގައި ހުރަސްކޮށްގެން ނުވާނެ "ރަތް ރޮނގުތަކުގެ" ތެރެއިން ހިމެނޭ ކަމެއް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރީ ބާރުތައް މެދުއިރުމަތީގައި ވަރުގަދަކުރުން

އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކާ ގުޅިގެން، މިދިޔަ ޑިސެމްބަރު މަހު ފެށުނު މުޒާހަރާތައް ވަރަށް އަވަހަށް މުޅި ގައުމަށް ފެތުރިގެން ދިޔަ އެވެ. ޖެނުއަރީ 8 އަދި 9 ގައި މި މުޒާހަރާތައް ނިމުމަކަށް ގެނައިއިރު، މިއީ ފާއިތުވި ގިނަ އަހަރުތަކެއްގެ ތެރޭގައި އީރާނުގެ ލީޑަރުންނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މި ހަމަނުޖެހުންތައް ހުއްޓުވުމަށް ސަރުކާރުން ބާރުގެ ބޭނުންކޮށް ހިންގި ވަރުގަދަ ހަރަކާތްތަކުގައި އެތައް ބަޔަކު މަރުވި އެވެ.

ޖެނުއަރީ މަހުގެ ހާދިސާތަކާ ގުޅިގެން، މުޒާހަރާކުރާ މީހުންގެ ދިފާއުގައި އަސްކަރީ ގޮތުން ނުކުންނާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވި އެވެ. ނަމަވެސް، ފަހުން އޭނާގެ އިންޒާރުތައް އަމާޒުވީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށެވެ. ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއާ ބޮމެއް އުފެއްދުމަށެވެ. އެކަމަކު އީރާނުން އަބަދުވެސް ބުނަމުންދަނީ އެއީ ސުލްހަވެރި ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އޭގެ ފަހުން، އީރާނަށް ޕްރެޝަރުކޮށް އެއްބަސްވުމަކަށް ގެނައުމުގެ މަގްސަދުގައި އެމެރިކާއިން ވަނީ މެދުއިރުމަތީގައި އެގައުމުގެ އަސްކަރީ ބާރު ވަރަށް ބޮޑަށް ގަދަކުރަން ފަށާފަ އެވެ. މިގޮތަށް އަމަލުކުރަމުން ދަނީ ދެ ގައުމުގެ މެދުގައި ނުސީދާ މަޝްވަރާތަކެއް ކުރިއަށް ދަނިކޮށެވެ.

މިގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔޫއެސްއެސް އަބްރަހަމް ލިންކަން މަތިންދާބޯޓު އުފުލާ މަނަވަރު އަރަބި ކަނޑަށް ފޮނުވާފަ އެވެ. އަދި ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް މަނަވަރު މިހާރު ވަނީ މި ސަރަހައްދަށް ދަތުރުކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.